Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"އީދި ސަމާ" ގައި "އަވަގުރާނަ"، އާންމުން ރަތަށް!

ބޮޑު އީދު ފާހަގަކިރަން އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "އީދި ސަމާ" ގެ ތެރެއިން ރޭ ހިތަދޫގައި ބޭއްވި ޝޯއެއްގެ ހަރަކާތެއްގެ ތެރެއިން "އަވަގުރާނަ" ގޮވި މައްސަލައެއް ހޫނުވެއްޖެ އެވެ.

ރޭގެ ޝޯގައި ހުށަހަޅައިދިން ތަމްސީލެއްގައި އާންމު މިންގަނޑަށް ނުފެތޭ އަދި "ހުތުރު" ބަހުން ވާހަކަ ދެއްކިކަން ފާހަގަކޮށް ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައ ވެސް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު އައްޑޫ ސިޓީ ކައުންސިލް ޓެގްކޮށް، ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހުތުރު ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކުމަކީ ދިވެހިންގެ އާންމު ސަގާފަތެއް ނޫން ކަމަށެވެ. އަދި އެއްވެސް ޒަމާނެއްގައި އާންމު ދިރިއުޅުމުގައި އެކަކު އެނެކަކާ މުޢާމަލާތް ކުރުމަށް ހުތުރު ބަސް ބޭނުންކުރުމަކީ ގެންގުޅުނު އާދައެއް ވެސް ނޫން ކަމަށް އާސިޔަތު ވިދާޅވި އެވެ.

އޭނާ ވިދާޅުވީ ކުޑަކުދިން ބައިވެރިވާ ހަފުލާ ކުގައި ބޮޑެތި މީހުން ކޮންމެ ބަހުރުވައަކުން ވާހަކަ ދެއްކިޔަސް ގެންގުޅެން ޖެހޭނީ އެ ކުދިންނާ ގުޅޭ މިންގަނޑުން ކަމަށެވެ.

"މިރޭ [ރޭގެ] ގެ އީދު ޝޯގައި އިވިގެން ދިޔަ އަޑުތައް އިވޭނެކަން އެނގޭނަމަ ހަމަގައިމު ވެސް އަޅުގަނޑު ކުދިން ގޮވައިގެން ޝޯ ބަލަން ނުދާނަން،" އާސިޔަތު ވިދާޅުވި އެވެ. "އެއީ ބެލެނިވެރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިޔާލު. ފަހަރެއްގަ އެހެން ފަރާތްތަކާ އަޅުގަނޑުގެ ހިޔާލު ތަފާތު ވެދާނެ."

ޝޯގެ ހުށަހެޅުމެއްގެ ބަހުރުވަ ހުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކުރި ވަރަށް ގިނަ ބަޔަކު ބުނީ ރޭގެ ޝޯއިން ފެނުނީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަހަލަ ކަމެއް ނޫން ކަމަށެވެ. އެހެންވެ ޝޯ އިންތިޒާމުކުރި ކައުންސިލުން ރައޔްިތުންގެ ކިބައިން މައާފަށް ވެސް އެދެން ޖެހޭނެ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.