ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައި އޮތް ސިޔާސީ މައްސަލަތަކާ ހެދި ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި މީގެ ސަބަބުން މުޅި އެ ގައުމު އެކީ ހުއްޓުމަކަށް އަތުވެދާނެ ކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ނަންދަލާލު ވީރަސިންހެ ވިދާޅުވެއްޖެ އެވެ.
ލަންކާ މާލީ އަދި އިގުތިސާދީ ބޮޑުތަދުމަޑުކެއްގެ ތެރެއަށް ވެއްޓުނު ފަހުން އެޕްރީލް މަހުގެ ތެރޭގައި މަގާމާ ހަވާލުވެވަޑައިގެންނެވި ގަވަރުނަރު ބީބީސީގެ "ނިއުސްނައިޓް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ގައުމަށް ދިމާވެފައި އޮތް މައްސަލަތައް އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ވަރަށް އަވަސް ސިޔާސީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ގައުމަށް ސިޔާސީ ގޮތުން ހަމަޖެހުން ގެނެވގެން ނޫނީ މައްސަލަތަކުން އަރައިގަނެވޭބެ އެއްވެސް ގޮތެ ވެސް އް ނެތް ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ ގޮތުން ހަމަޖެހުމެއް ނާންނަ ކަމަށްވާ ނަމަ މުޅި ގައުމު ހުއްޓުމަކަށް އަތުވެދާނެ.،" ގަވަރަނަރު ވިދާޅުވި އެވެ. "މިހާރު ލިބެން އޮތް އެހީތަކާ ގުޅޭ ކަންކަން ވެސް ކުރިއަށް ދާނީ ސިޔާސީ ގޮތުން ގައުމު ހަމައަކަށް އެޅިގެން. އެހެންވެ ރައީސަަކާއި ބޮޑުވަޒީރަކާއި ކެބިނެޓެއް ވީހާ ވެސް އަވަހަކަށް ބޭނުންވޭ."
އޭނާ ވިދާޅުވި ގައުމަށް ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމަށްޓަކައި ބޭނުންވާ ބޭރުގެ އެހީ ވެސް ހޯދަން އޮތީ ސިޔާސީ ގޮތުން ގައުމު ހަމައަކަށް އެޅުވިގެން ކަމަށެވެ.

"އެހެންވެ ސަރުކާރެއް ވަރަށް ވެސް މުހިއްމު. މިއީ ލަސްކުރެވެން އޮތް ކަމެއް ނޫން،" ނަންދަލާލު ވިދާޅުވި އެވެ. "ވަރަށް ވިސްނުންތެރިކަމާ އެކު ސިޔާސީ ގޮތުން ގައުމު އެޅުވުމަކީ މި ވަގުތަށް އެންމެ މުހިއްމު ކަންތައް."
ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިއްޔެ މަގާމުން ރަސްމީކޮށް އިސްތިއުފާ ދެއްވި އިރު، ބުދަ ދުވަހުން ފެށިގެން ވަގުތީ ރައީސެއްގެ ޒިންމާ އަދާކުރައްވަނީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެނި ރަނިލް ވިކްރަމަސިންހަ އެވެ. އެކަމަކު ލަންކާގެ ގިނަ ރައްޔިތުން އޭނަ ވެސް މިހާރު ބަލައެއްނުގަނެ އެވެ. އެހެންވެ ރަނިލް ވެސް އިސްތިއުފ ދެއްވަން މިދިޔަ ހަފުތާގެ ކުރީކޮޅުން ފެށިގެން އަންނަނީ ގޮވައިމުންނެވެ.

ލަންކާ އަށް އާ ރައީސަކު އިންތިހާބުކުރަން ގާނޫނި ހަދާ މަޖިލީހުން ނިންމާފައި އޮތީ މި މަހުގެ 20 ގަ އެވެ. އަދި މިކަމާ ގުޅުން ހުރި މަސައްކަތްތަކަށް ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް މިއަދު ފަށާާ ފޮތަށް ކުރިން އޮތަސް ސިޔާސީ ދިލަގަނޑާ ހެދި އެކަމަށް އަދި މަގުފަހިއެއް ނުވެ އެވެ.
ގާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ކަމަށް ވާދަކުރަން ބޭނުންވާ މީހުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ހުޅުވާލައިފަ އެވެ.
ލަންކާ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ރައްޔިތުންގެ އުދާސްތައް ބަންޑުންވެ، ރައްޔިތުން ތިބީ މަގުތަކަށް ނިކުމެ އެވެ.