ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ލަންކާ އިން ފުރުން މަނާކޮށްފި އެވެ.
ލަންކާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ރާޖަޕަކްސަގެ އިތުރުން ލަންކާގެ ކުރީގެ ފިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސަ ވެސް އެގައުމުން ފުރުން މަނާކޮށްފަ އެވެ. މި ދެ ބޭފުޅުން ފުރުން މަނާކޮށްފައިވަނީ މި މަހުގެ 28 ގެ ނިޔަލަށެވެ.
މަހިންދަ އާއި ބަސިލް ފުރުން މަނާކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ އިން ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެންނެވެ.
އެ ދެ ބޭފުޅުން ލަންކާ އިން ފުރުން މަނާކޮށްފައިވާއިރު އެގައުމުގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ވަނީ މިދިޔަ އަންގާރަ ދުވަހުގެރޭ އެގައުމުން ފިއްލަވާފަ އެވެ. އެގޮތުން ލަންކާ އިން ފިއްލަވައިގެން ގޮޓާބަޔާ ފުރަތަމަ ވަޑައިގެންނެވީ ރާއްޖެ އަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ގޮޓާބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، އެގައުމަށް ވަޑައިގެންނެވުމަށްފަހު ގޮޓާބަޔާ ވަނީ އިސްތިއުފާގެ ސިޓީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އީމެއިލް ކުރައްވާފަ އެވެ.
ގޮޓާބަޔާ އިސްތިއުފާ ދެއްވުމުން އެގައުމުގެ ރައީސް ކަމުގެ މަގާމާއި ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ. ލަންކާ އަށް މި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު އިންތިހާބު ކުރާނެ އެވެ.