ޢަދާލަތު ޕާޓީ ވުޖޫދުގައި ނެތަސް ރާއްޖޭގައި އިސްލާމްދީން ދެމި އޮންނާނެ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ރާއީ މިހެން ވިދާޅުވެފައިމިވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް އިސްލާމްދީނަށް ހިދުމަތް ކުރި ބަޔަކު ރާއްޖޭގައި ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން ރާއީ ވިދާޅުވީ ސިޔާސީ މަސައްކަތްކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް ޕާޓީގައި ވެސް އަދި އިމްރާންގެ ވެސް ނެތް ކަމަށެވެ. އެގޮތުން އިމްރާންގެ މާޒީ އެ ކަންކަމަށް ހެކިވާނެ ކަމަށް ރާއީ ވިދާޅުވި އެވެ.
"އިންޝާﷲ ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެ." ރާއީ ވިދާޅުވި އެވެ.
އިމްރާން ދާދިފަހުން ކުރެއްވި ޓްވީޓެއްގައި ވަނީ ބަޔަކަށް ގަބޫލު ކުރެވުނަސް، ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާއި ބަޔަށް ބެލިޔަސް ނޫނީ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތުގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ޕާޓީއެއް ވެސް ނުވަތަ ޖަމާއަތެއް ވެސް ރާއްޖޭގައި ނެތްކަމީ ހަގީގަތެއް ކަމަށް ވިދާޅުވެފަ އެވެ.
އިމްރާން މިހެން ވިދާޅުވެފައިމިވަނީ ލިވާތުކުރާ މީހުން ނުވަތަ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ދެކޮޅަށް އަދާލަތު ޕާޓީ ވެސް ހިމެނޭ ސަރުކާރުން ފިޔަވަޅު ނާޅާތީ އެ ޕާޓީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުންދާ އިރު، އެފަދަ އަމަލު ހިންގާ މަންޒަރު ފެންނަ ތިން ވީޑިއޯއަކާއި ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގާ ކަމަށް ބެލެވޭ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
އާންމުވި އެއްޗެހިން ފެންނަނީ ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކާއި އެފަދަ މީހުންނާ ގުޅުން އޮންނަ ބައެކެވެ.