ހިލޭ ޓްރާންސްފާއެއްގެ ދަށުން ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.
އެރިކްސަން ،30، ޔުނައިޓެޑަށް ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ ސީޒަނުގައި އެރިކްސަން ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ކުޅުނީ ބްރެންޓްފޯޑަށެވެ. ބްރެންޓްފޯޑާއެކު ހެދި އެއްބަސްވުން މިދިޔަ މަހު ހަމަވެފައިވާއިރު އެ ކްލަބުން އާ ކޮންޓްރެކްޓެއް ވެސް އެރިކްސަން އަށް ހުށަހެޅި އެވެ. ނަމަވެސް އެރިކްސަން ވަނީ އެ ކޮންޓްރެކްޓް ގަބޫލުކުރަން ދެކޮޅު ހަދައި ޔުނައިޓެޑަށް ބަދަލުވާން މިދިޔަ މަހުގެ ތެރޭގައި އެއްބަސްވެފަ އެވެ.
އެރިކްސަން ވަނީ މީގެކުރިން ޓޮޓެންހަމް އާއި އިންޓަ މިލާންގެ އިތުރުން އަޔެކްސް އަށް ވެސް ކުޅެފަ އެވެ.
އެރިކްސަން ވެގެން ގޮސްފައިވަނީ މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެނައި ދެވަނަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޔުނައިޓެޑުން ވަނީ ފެޔެނޫޑަށް ކުޅެމުން އައި ނެދަލޭންސްގެ ޒުވާން ޑިފެންޑަރު ޓީރެލް މަލާސިއާ އެ ކްލަބަށް ގެނެސްފަ އެވެ.
މީގެއިތުރުން އަޔެކްސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ވެސް ވަނީ ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފަ އެވެ. ޔުނައިޓެޑުން އަންނަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑިޔޮންގް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.