Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ލަންކާގެ އިދިކޮޅު ލީޑަރު ރައީސަކަށް ވާދަކުރަނީ

ސްރީ ލަންކާގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އެގައުމުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ އިއުލާން ކުރައްވައިފި އެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމުން ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވާއިރު ވަގުތީ ގޮތުން އެ މަގާމާއި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ މިއަދު ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

އާ އިންތިހާބެއް ބާއްވަންދެން ލަންކާ އަށް އާ ރައީސަކު އިންތިހާބު ކުރަންޖެހޭއިރު މި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު އިންތިހާބު ކުރުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދާނެ އެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވާނެކަން ސަޖިތް އިއުލާން ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ސަޖިތު ވަނީ 2019 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ނާކާޔާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. އަދި މިދިޔަ އޭޕްރީލް މަހު ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމަށް ސަޖިތަށް ދައުވަތު ދެއްވި ނަމަވެސް އެ ދައުވަތު ޤަބޫލު ކުރައްވާފައެއް ނުވެ އެވެ.

ލަންކާގެ ރައީސް ކަމަށް ސަޖިތު ވާދަކުރައްވާއިރު ލަންކާގައި ވެރިކަން ކުރާ ޕާޓީ، ދަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމައުނާ (އެސްއެލްޕީޕީ) އިން ވަނީ ރައީސް ކަމަށް ރަނިލް ގެންނަން ނިންމާފަ އެވެ. އެސްއެލްޕީޕީ އަކީ މަގާމުން އިސްތިއުފާ ދެއްވި ގޮޓާބަޔާ ނިސްބަތްވާ ޕާޓީ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެމްބަރުން ތިބޭއިރު އެސްއެލްޕީޕީގެ މެމްބަރުންގެ ގޮތުގައި 114 މެންބަރުން ތިއްބަވަ އެވެ.