Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"މަގޭ ނަބިއްޔާ" ގެ ނަމުގައި ދުވާފަރުގައި ހިނގާލުމެއް

"މަގޭ ނަބިއްޔާ" ގެ ނަމުގައި ރަސޫލާގެ ދިފާއުގައި ރ. ދުވާފަރުގައި އިއްޔެ ހަވީރު ހިނގާލުމެއް ބާއްވައިފި އެވެ.

ރަސޫލާ އާއި އެކަލޭގެފާނުގެ ސަހާބީންގެ އިތުރުން އިސްލާމް ދީނަށް ފުރައްސާކުރުމުގެ އަމަލުތައް ފަހަކަށް އައިސް ރާއްޖޭގައި ވެސް އިތުރުވަމުންދާތި އެކަމާ ކަންބޮޑުވުން ފާޅުކޮށް، ޝުއޫރުތައް ހާމަކުރި ހިމޭން ހިނގާލުމުގައި ދުވާފަރުގެ ދެ ޖިންސްގެ ކުދިބޮޑު އެތައް ބަޔަކު ބައިވެރިވި އެވެ.

މި ހަރަކާތް އިންތިޒާމުކުރީ ދުވާފަރު އިސްލާމިކް މޫވްމަންޓުންނެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި އިސްލާމް ދީނުގެ ޝިއާރުތަކަށާއި ކީރިތި ރަސޫއަށް ހަޖޫ ޖެހުން ދުވާފަރު ރައްޔިތުން އެންމެ ހިނދުކޮޅަކަށް ވެސް ބަލައިނުގަންނާ އެވެ. އަދި ރާއްޖެއަށާއި މުޅި ދުނިޔެއަށް ހާމަ ކުރަން ބޭނުން ވަނީ ދުވާފަރު ރައްޔިތުން އަބަދުވެސް ތިބޭނީ ކީރިތި ރަސޫގެ ދިފާއުގައި ޖާނާއި މާލުން ގުރުބާންވާން ޖެހުނަސް އެކަމަށް ވެސް ތައްޔާރުވެ ކަމަށް ޖަމިއްޔާ އިން ބުންޏެވެ.

ދުވާފަރު އިސްލާމިކް މޫވްމަންޓުން ބުނީ ރަސޫލާ އާއި އެކަލޭގެފާނުގެ ސަޙާބީންނާ މެދު ހުތުރުބަހުން ފާޅުގައި މުއާމަލާތު ކުރަމުންދާ އިރު އެފަދަ ވާހަކަ ދައްކާ މީހުންނާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުން ނުދާތީ ދުވާފަރު ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

ދާދި ފަހުން އިންޑިއާފެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްވެރިންތަކެއް ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކުރި މައްސަލައެއް ހޫނުވެ، އެކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މިދިޔަ މަހުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ ބައެއް ހިސާބުތަކުގައި "މަގޭ ނަބިއްޔާ" ގެ ނަމުގައި ހަރަކާތްތަކެއް ބާއްވާފައިވެ އެވެ.