Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

"މި މަހުގެ 8 އިން ފެށިގެން ރައީސް ހައްޕު"

ރާއްޖޭގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ހިނގައި ދިޔަ ބޮޑެތި އެއްވެސް ކަމަކާ ބެހޭ ގޮތުން ބަސްފުޅެއް ވިދާޅުނުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވީ "ހައްޕު" ކިޔުއްވައިގެން ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 8 ގައި ފާހަގަކުރި ބޮޑު އީދުގެ ތަހުނިޔާކިޔަން ކުރެއްވި ޓްވީޓްގެ ފަހުން އެއްވެސް ޓްވީޓެއް ވެސް ކުރައްވާފައިވާ ނުވާތީ ރައީސްގެ ޓްވިޓާ އެކައުންޓްގެ ސްކްރީންޝޮޓަކާ އެކު އޭނާ ވިދާޅުވީ ޑިމޮކްރަސީ އަކީ ރައްޔިތުންނަށް ވެރިމީހާގެ ބަސް އިވޭ އަދި ހާލަތު ސާފުވާ ނިޒާމެއް ކަމަށެވެ. އެކަމަކު ރާއްޖޭގެ ރައީސް ރާއްޖޭގައި މި ފަހުން ހިނގި އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވާކަން މަލީހު ވަނީ ލިސްޓަކުން ހިއްސާކުރައްވައިފަ އެވެ.

އެ ލިސްޓްގައިވާ ކަމްކަމުގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ 21 ގައި މާލޭގައި ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި އިވެންޓާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކާ ގުޅިގެން "ބޭއިންސާފުން" ދެ ދީނީ އިލްމުވެރިޔަކު ހައްޔަރުކޮށްފައިވުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތަކާއި މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ފާސްކުރި ހެއްކާ ބެހޭ ބިލުގެ މައްސަލަ އާއި ގައުމުގެ ދަރަނި ބޮޑުވަމުން ދިއުމާއި ތެލާއި ތަކެތީގެ އަގު އުފުލެމުން ދިއުމާއި ސަރުކާރުގެ އިސްރާފު ހަރަދުތަކެވެ.

މަލީހު ވިދާޅުވި ގޮތުގައި މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވެ ރައީސް ހުންނެނީ "ޖުލައި 8 ފެށިގެން ހައްޕުގައި" ކަމަށެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު ރައީސާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ރާއްޖެ ވަޑައިގެންފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.