ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފި އެވެ.
އެތަނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މި ވަނީ މި މަހުގެ 20 ގައި އާ ރައީސަކު ހޮވަން ނިންމައި އެކަމާ ބެހޭ ބައްދަލުވުންތަކާއި މަޝްވަރާތައް މިއަދުން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ނިންމުމާ ގުޅިގެންނެވެ. އެގޮތުން މިއަދު ހެނދުނު 10:00 އިން ފެށިގެން މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެތަނުގެ ވަށައިގެންވާ މަގުތައް ވެސް ބަންދުކޮށް ސަލާމަތީ ބާރުތަކުން އަންނަނީ މަގުތައް މަތީގައި ހަރަކާތްތެރިވަމުންނެވެ.
މިކަމާ ގުޅިގެން އާންމުންނަށް އަންގަފައި އޮތީ މަޖިލީހުގެ ވަށައިގެންވާ މަގުތަކަށް އެއްގޮތަކަށް ވެސް ނުވަދެވޭނެ ކަމަށެވެ.
މި މަހުގެ 20 ގައި ލަންކާ އަށް އާ ރައީސަކު އިންތިހާބުކުރަން ހަމަޖެހިފައިވާ އިރު، އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަންތައް ހުށަހެޅުމުގެ ފުރުސަތު ވަނީ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ލަންކާގެ ރައީސްގެ ޒިންމާ މި ވަގުތު އަދާކުރައްވަމުން ގެންދަވަނީ ބޮޑުވަޒީރުގެ މަގާމަށް މެއި މަހު އައްޔަންކުރި ރަނިލް ވިކްރަމަސިންހަ އެވެ. އޭނަ އިންތިގާލީ ރައީސަކަށް ހަމަޖެއްސީ މިދިޔަ ބުދަ ދުވަހު ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެންނެވެ.
އެކަމަކު އިސްތިއުފާ ދެއްވަން އޮތް ދުވަހު ފިއްލަވައިގެން އަސްކަރީ ޖެޓެއްގައި އޭނާ ރާއްޖެ ވަޑައިގަތުމަށް ފަހު، ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވީ ސިންގަޕޫރަށް ވަޑައިގެންނެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން ލަންކާ މާލީ އަދި އިގުތިސާދީ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓި، ގައުމުގެ ސިޔާސީ މަސްރަހު ވެސް ހަލަބޮލިވެ ގައުމުގެ އަމާންކަން ވެސް ވަނީ ގެއްލިފަ އެވެ.