Last Updated: June 29, 21:20
Monday, June 29, 2026
ޚަބަރު

"އާ ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށޭނެ"

ސ. ހިތަދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ހިތަދޫ މެދު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ހިޔަލީ މުހައްމަދު ރަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ހޮސްޕިޓަލަށް ފަންޑު ކުރަނީ ބޭރު ގައުމަކުން ކަމަށެވެ.

"ހިތަދޫގައި 100 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފަށަނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހިތަދޫގައި ހުރި ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އެތަނުގައި އާ އޮޕަރޭޝަން ތިއޭޓަރެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ އޯޕެކާއި ސައުދީ ފަންޑްގެ ލޯން އެހީގެ ދަށުން އިމާރާތް ކުރާ އެ ހޮސްޕިޓަލާ ބެހޭ އިތުރު ތަފުސީލްތައް މިހާރު ސައުދީ ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފިނޭންސުން އޭގެ ފައިނޭންސާއި ޓެކްނިކަލް ހުރިހާ ކަމެއް ނިންމައި މިއަދު އެންޑޯސް ކުރުމަށްޓަކައި ސައުދީ އަށް ފޮނުވިއްޖެ. އޭގެ މާނަ އަކީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭތި ނިމި އަޅުގަނޑުމެންނަށް ޑިޒައިނިން ސްޓޭޖަށް ދެވޭނެއޭ،"ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ޝަކީލާ ވިދާޅުވި ގޮތުގައި އައްޑޫ އާ ހޮސްޕިޓަލް އިމާރާތް ކުރަން ބަޔަކަށް އެވޯޑް ކުރެވޭވަރު ވާނީ މި އަހަރުގެ ނޮވެމްބަރު މަސް ހިސާބުގަ އެވެ.

"އެހެންވީމާ އެގޮތަށް އަޅުގަނޑުމެން އުންމީދުކޮށްގެން ތިބެމާތޯ؟،" އައްޑޫގެ އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ހޮސްޕިޓަލާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.