ހުޅުމާލޭގެ ރެހެންދި ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ބޭއްވި "ރެހެންދި ސޭލް" ގައި ބުއިންތަކެއް ވިއްކަން އިޝްތިހާކުރި އިރު ޖިންސީ ކަންކަމަށް ހިތްވަރުދޭ ގޮތަށް އަދި އާންމު މިންގަނޑަށް ނުފެތޭ ނަންތަން ދީފައި ހުރި މައްސަލައެއް ހޫނުވުމުން އެ ސްކޫލުން އެކަމަށް މިއަދު މާފަށް އެދިއްޖެ އެވެ.
ސޯޝަލް މިޑިއާގައި ވެސް އާންމުވެފައިވާ އެ މެނޫ އިޝްތިހާރުގައި "ޑްރިންކްސް" ގެ ގޮތުގައި ހަ ނަމެއް ހިމަނާފައި އިން އިރު އޭގައި އިން ތިން ނަމަކީ އާންމު މިންގަނޑަށް ނުފެތޭ ނަންތަކެވެ. އެ ނަންތަކަކީ "މިޑްނައިޓް ކިސް" އާއި "ސެކްސް އޮން ދަ ބީޗް" ގެ އިތުރުން "ސެކްސް އޮން ދަ ޕެޝަން" އެވެ. އޭގައި ދެން ހުރި ނަންތަކަކީ "ލޭޑީ މޯލްޑިވްސް" އާއި "ވޯޓަފޯލް" ގެ އިތުރުން "ހޮލިޑޭ މިލަން" އެވެ.
އެ މެނޫގައި ހިމެނޭ އާންމު މިންގަނޑަށް ނުފެތޭ ނަންތަކުގެ މައްސަލާގައި ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން ރެހެންދި ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭގައިވާ ނަންތަކަކީ ސްކޫލެއްގެ ތެރޭގައި ބެހެއްޓުން އެންމެ ރަނގަޅު އިބާރާތްތަކެއް އެކުލެވޭ އިޝްތިހާރު ބޯޑެއް ނޫން ކަމަށް ސްކޫލުން ވެސް ދެކޭ ކަމަށެވެެ.
"އެކަން ކުރި ބަޔަކު އެކަން ކޮށްފައި ވަނީ އެއީ އިންޓަނޭޝަނަލް މެނޫތަކަކަށްވާތީ މާ ބޮޑު ވިސްނުމެއް ނެތި ކަމަށް ސްކޫލަށް ވަނީ މައުލޫމާތު ދީފައި." ބަޔާނުގައި ބުންޏެވެ.
އޭގައި ބުނީ އިޝްތިހާރުގެ މައްސަލަ ސަމާލުކަމަށް އައުމާ އެކީ ޕީޓީއޭގެ ފަރާތުން އެ ބޯޑް ނަގައި، އެފަދަ ބުއިންތަކެއް ވިއްކުން ހުއްޓުވާފައި ކަމަށެވެ.
"އަދި އެފަދަ ބޯޑެއް ސްކޫލް ގޯތިތެރޭގައި ބެހެއްޓުން ކުށްވެރިކޮށް، އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެން." ރެހެންދި ސްކޫލްގެ ބަޔާނުގައި ބުންޏެވެ.