ސްރީ ލަންކާ އަށް އާ ރައީސަކު އިންތިހާބުކުރަން ނިންމައި އެކަމަށް ހުޅުވައިލުމާ ގުޅިގެން ނެޝަނަލް ޕީޕަލްސް ޕަވާ ޕާޓީ (އެންޕީޕީ) ގެ ލީޑަރު އަނުރަ ކުމަރާ ޑިސަނަޔަކަ ވެސް ރައީސް ކަމަށް ވާފަކުރައްވަން ނިންމަވައިފި އެވެ.
އެ ޕާޓީން މިއަދު އެކަން ކަށަވަރުކޮށްދީ ބުނީ އަރުނަ އަކީ ރައްޔިތުންނަށް ރަނގަޅު ހޮވުމަކަށް ވާނެ ކަމަށެވެ. އުމުރުން މިހާރު 53 އަހަރުގެ އަރުނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މިހާރުގެ މެމްބަރެއް ވެސް މެ އެވެ. އޭނާ ކޮލޮމްބޯ ޑިސްކްރިޓް ތަމްސީލުކުރައްވަމުން ގެންދަވަނީ 2020 އިން ފެށިގެންނެވެ.

އަރުނަ އަކީ ކުރީގެ ރައީސް ޗަންދުރިކާ ކުމާރަތުންގެ ރައީސްކަމުގައި 2004 ގައި އެގްރިކަލްޗަ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ލަންކާ އަށް އާ ރައީސަކު އިންތިހާބުކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ގަ އެވެ. އަދި ނަން ހުށަހެޅުމުގެ ފުރުސަތު އޮތީ 19 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

ލަންކާގެ މިހާރުގެ ރައީސަކީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެވެ. ރައީސް ކަމަށް އޭނާގެ އިތުރުން އިދިކޮޅު ސަޖިތު ޕްރެމަދާސަ ވެސް ވާދަކުރައްވާނެކަން މިހާރު އޮތީ އިއުލާންކޮށްފަ އެވެ.
ލަންކާ އަށް އާ ރައީސަކު އިންތިހާބުކުރަނީ ގޮޓަބަޔާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.