އައްޑޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް ހުރަސް އަޅައި، ސަރުކާރާއި ނުގުޅި މަސައްކަތް ކުރާނަމަ އައްޑޫ ސިޓީ ކައުންސިލް އުވާލަން ޖެހިދާނެކަމުގެ އިންޒާރު ޑިފެންސް މިނިސްޓަރ އަދި ލަޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ހިތަދޫ މެދު ދާއިރާގެ ހިޔަލީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ "ޖަޒްބާތުގައި ޖެހިވަޑައިގެން ރައްޔިތުން ކައުންސިލްގެ ހުރިހާ ގޮޑިއެއް އެމްޑީޕީއަށް ދީފައިވާ" ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުވާ ކުރުމަށްފަހު މިވީ ދުވަސްކޮޅު ތެރޭ ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސް އަޅަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންވެ އެލްޖީއޭގެ ރައީސްގެ ހައިސިއްޔަތުން އައްޑޫ ސިޓީ ކައުންސިލް އުވާލަންޖެހިދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ފޭދޫ ޒުވާނުންތަކެއް އެރަށުގައި ފުޓްސަލް ދަނޑެއް އެޅުމަށް ބިން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލަށް އެދުމުން ބިން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އައްޑޫގެ ތަރައްޤީއަށް ކައުންސިލުން ހުރަސް އެޅުންކަމަށް ނާޒިމް ވިދާޅުވިއެވެ.
ހިތަދޫގެ މެދު ދާއިރާގެ ބައެއް މަގު ހެދުން ކުރެހުމަކާ ނުލައި ކުރިއަށް ގެންދާ މައްސަލަ އާ ގުޅިގެން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަމަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބޭ ބާރެކެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގެ ތަރައްޤީގެ އެއްވެސް މަސައްކަތެއް މި ކައުންސިލަކުން ނުހުއްޓުވާނެ ކަމަށެވެ. ނަމަވެސް ގާނޫނާއި ހިލާފަތް ކުރިއަށް ގެންދާ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނާޒިމް ވަނީ މަޖިލިސްގެ ގޮޑިތައް ޕީޕީއެމް ކޯލިޝަންގެ ކެންޑިޑެޓުންނަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
