Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އަދާލަތަކީ މަންފާ އަށް ގެންގުޅޭ ނަމެއް: ޝިޔާމް

އަދާލަތު ޕާޓީ އަކީ ދެތިން މީހެއްގެ މަންފާ އަށް ގެންގުޅޭ ނަމެއް ކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އަދާލަތަކީ ރާއްޖޭގައި މިހާތަނަށް އިސްލާމް ދީނަށް އެންމެ ބޮޑަށް މަސައްކަތްކުރި ޕާޓީ ކަމަށް ވިދާޅުވެ އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓަކާ ގުޅިގެން ގިނަ ބަޔަކު އެ ވާހަކަތަކަށް ރައްދު ދިނުމުން، އެ ރައްދުތަކަށް އިމްރާން ވެސް ރައްދު ދެއްވި ޓްވީޓަކާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގައި އެލިގަނެގެން އޮންނަތާ ހަތަރު އަހަރުވީ އިރު ރާއްޖޭގައި އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކުރާ އިރު އެ ޕާޓީ އޮތީ ހިމޭނުން ކަމަށެވެ.

"ދެހާސް ތޭވީސް ކައިރިވާތީ ވަގަށް ޕާޓީ އަށް މެމްބަރުން ހަމަކޮށްގެން ތިމަންނާ އެބަހުރިކަން އަންގަން ތިޔަ ކެހެނީ ކަރު." ޝިޔާމް ވިދާޅުވި އެވެ.

ދީނަށް އެންމެ ހިދުމަތްކުރި ޕާޓީ އަކީ އަދާލަތު ކަމަށް އިމްރާން ވިދާޅުވުމުން ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް އެ ވާހަކަތަކަށް ފާޑުވިދާޅުވެ، ހަޖޫ ޖައްސަވާފައިވެ އެވެ. އެކަމާ ގުޅިގެން ރައްދު ދެއްވައި އިމްރާން ވިދާޅުވީ ބަޔަކު މީހުން ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށް ވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ.

"އިސްލާން ދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ދާނީ ބާރަށް ކުރިއަށް." އޭނާ ވިދާޅުވި އެވެ.