ސްރީ ލަންކާ އަށް އާ ރައީސަކު ކަނޑައަޅަން އަންނަ ހަފުތާގައި ގާނޫނު ހަދާ މަޖިލީހުގައި ނަގަން ނިންމާފައިވާ ވޯޓްގައި ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީން ބައިވެރިނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެޕީ) އިން ބުނީ ރައީސަކު ހޮވަން ނަގާ ވޯޓްގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވެވަނުގަތް ނަމަވެސް ހޮވޭ ރައީސަކަށް ތާއީދުކުރާނެ ކަމަށެވެ. އެކަމަކު ރައީސަކު ހޮވަން ނަގާ ވޯޓްގައި ބައިވެރި ނުވާން ނިންމި ސީދާ ސަބަބެއް ހާމައެއްނުކުރެ އެވެ.
ލަންކާގެ ރައީސްކަން 2015-2018 އަށް ކުރެއްވި ސިރިސޭނާ ވިދާޅުވީ ރައީސް ކަމަށް އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ނަމަ އެކަން ވާނީ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި ބޮޑު ހާޖާނުގަނޑަކަށް ކަމަށެވެ. އޭނާ ވިދާޅުވީ އެކަކު ވާދަކުރާ ނަމަ ވަރަށް އޮމާންކަން ކަންކަން ހިނގައިދާނެ ކަމަށެވެ. އެކަމަކު ހަތަރު ވަރަކަށް ކެންޑިޑޭޓަކަށް ވޯޓެއް އަހަން ޖެހުމަކީ މަޖިލިސް ހޫނުވެގެން ހިނގައިދާނެ ސަބަބެއް ކަމަށް ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވި ގޮތުގައި އާ ރައީސަކު ހޮވުމަކީ މާ ފަސާހަކޮށް ދާނެ ކަމެއް ނޫނެވެ. އަދި މިއާ އެކީ އަނެއްކާ ވެސް ސިޔާސީ މަސްރަހު އިތުރަށް ހޫނުވެ ބައިބައިވުން އުފެދުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.
"ލަންކާ އަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދެން އޮތީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތެއްގެ ސަބަބުން،" ސިރިސޭނާ ވިދާޅުވި އެވެ. "އެހެން ނޫނީ އަނެއްކާ ވެސް މައްސަލަތައް ދާނީ ބޮޑުވަމުން. އެހެންވެ މިއީ ސިޔާސީ ނިންމުންތައް ނިންމުގައި ވަރަށް ހައްސާސް ދަނޑިވަޅެއް."
އެ ވޯޓް ނަގަން ހަމަޖެހިފައި ވަނީ މި މަހުގެ 20 ގަ އެވެ. އަދި ރައީސް ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ބޭފުޅުންނަކީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް، ވަގުތީ ރައީސަކަށް ހަމަޖެއްސި ރަނިލް ވިކްރަމަސިންހަ އާއި އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ އިތުރުން ޕީޕަލްސް ޕަވާ ޕާޓީ (އެންޕީޕީ) ގެ ލީޑަރު އަނުރަ ކުމަރާ ޑިސަނަޔަކަ އެވެ.

އަމާޒަކީ މި ފަހަރު ހުރިހާ ޕާޓީތައް އެކުލެވޭ ސަރުކާރެއް އެކުލަވާލައި، ލަންކާ އަށް ދިމާވެފައިވާ މާލީ އަދި އިގުތިސާދީ ބޮޑެތި މައްސަލަތަކަށް ހައްލެއް ހޯދުމެވެ.
މި މަހުގެ 20 ގައި ރައީސަކު ހޮވަން ލަންކާ އިން ތައްޔާރުވަމުން އަންނަ އިރު ގާނޫނު ހަދާ މަޖިލީހުގެ ސެކިއުރިޓީ ވެސް އިއްޔެ އިން ފެށިގެން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.