އިނގިރޭސިވިލާތުގެ ކުރީގެ ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމްގެ ވާހަކަ ކިޔައިދޭ ޑޮކިއުމަންޓްރީ ސީރީޒެއް ނެޓްފްލިކްސް އަށް ގެންނަން ނިންމައިފި އެވެ.
މި ވާހަކަ ޚުދު ބެކަމް އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ ނެޓްފިކްސްއާ ގުޅިގެން އޭނަގެ ޑޮކިއުމަންޓްރީ ސީރީޒެއް ހެދުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭގައި އޭނަގެ ކެރިއަރާއި ދިރިއުޅުމާ ބެހޭ ގޮތުން ކުރިން ނޭނގޭ އެތައް ވާހަކައަކާއި މަންޒަރުތަކެއް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
މިހާރު އުމުރުން 47 އަހަރުގެ ބެކަމް އަކީ އިނގިރޭސިވިލާތުގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނަގެ ވާހަކަ ނެޓްފްލިކްސް އަށް ޑޮކިއުމަންޓްރީ ސީރީޒެއްގެ ގޮތުގައި ގެނެސްދޭނީ އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ފިޝާ ސްޓީވެންސް އާއި ޖޯން ބެޓްޒެކް ޕްރޮޑިއުސްކޮށް، ޑައިރެކްޓްކޮށެވެ. އަދި މީގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ބެކަމްގެ ކުންފުނި ސްޓޫޑިއޯ 99 ހިއްސާވާނެ އެވެ.
ކުރީގެ އިނގިރޭސި ބޭންޑް "ސްޕައިސް ގާލްސް" އިން ޕޯޝް ސްޕައިސްގެ ނަމުން މަޝްހޫރުވި ވިކްޓޯރިއަކާ ބެކަމްއާ ކައިވެނިކޮށްގެން އުޅޭ ބެކަމް އަކީ ހަތަރު ކުދިންގެ ބައްޕައެކެވެ. އޭނަގެ ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމް، 23، މި އަހަރުގެ ކުރީކޮޅު ވަނީ ކައިވެނި ވެސް ކޮށްފަ އެވެ. ބެކަމްގެ އެހެން ދަރިންނަކީ ރޯމިއޯ ޖޭމްސް ބެކަމް، 19، އާއި ކްރޫޒް ބެކަމް، 17، ގެ އިތުރުން ހާޕާ ސެވެން ބެކަމް، 11، އެވެ.