ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު އަދި އުތުރު ގޮފި އުވާލައިފިއެވެ.
ހައިކޯޓުގެ ދެ ގޮފި އުވާލާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރުމާ ގުޅިގެންނެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރައްވާފައިވާފައިވަނީ މިއަދުއެވެ.
މިޤާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ، ހައިކޯޓުގެ ފަނޑިޔާރުން ޤާއިމްވެ ތިބޭނީ މާލޭގައި ކަމަށް ކަނޑައެޅުމާއި، ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައްވައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެއްވުމެވެ.
މީގެއިތުރުން ހައިކޯޓުގެ ގޮފިތަކުގެ މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެން ކޯޓުތަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލުކުރެއްވުން ވެސް ހިމެނެއެވެ.
މި އިސްލާހުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ އަދަބު ވަނީ 3 މަސްދުވަހުގެ ޖަލު ހުކުމަށް ބޮޑު ކޮށްފައެވެ. މީގެކުރިން ކޯޓުގެ ހުރުމަތް ކެނޑުމުން ދެވޭ އަދަބަކީ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 10،000 ރުފިޔާއަށް ވުރެ ގިނަ ނޫން އަދަދަކުން ޖުރިމަނާ ކުރުމެވެ.