އިންޑިއާގައި މިދިޔަ މަހު ކުރި ކައިވެންޏެއްގައި ދެމަފިރިން އެކުލަވާލި ޝަރުތަކުގެ ތެރޭގައި ފިރިމީހާ ކޮންމެ މަހަކު އަންހެނުންނަށް ޕިއްޒާއެއް ގަނެދޭން ކުރި ޝަރުތަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 25 ގައި އައްސާމްގައި ކުރި ކައިވެނީގެ ހަފުލާގައި މިންތޫ ރާއީ، 25، އާއި ޝާންތީ ޕްރަސާދު، 24، ވަނީ ދެމަފިރިންގެ ގޮތުގައި އިސްކަންދޭން ޖެހޭ ކަންކަން ޝަރުތުތަކެއްގެ ގޮތުގައި ކާޑުބޯޑް ހުދު ކަރުދާހެއްގައި ލިޔެ، އޭގައި ސޮއި ވެސް ކޮށްފަ އެވެ.

ކައިވެނީގެ އެ "ކޮންޓްރެކްޓް" ގައި 8 ޝަރުތެއް ހިމަނާފައިވާ އިރު، އެންމެ މަތީގައި އޮތީ ފިރިމީހާ އަނބިމީހާ އަށް މަހަކު އެއް ޕިއްޒާ ދޭން ޖެހޭނެ ކަމަށެވެ. އޭގައި ދެން ހިމެނޭ ޝަރުތުތަކަކީ ގޭގައި ކައްކާ ކާނާ އަށް ދެމަފިރިން ވެސް އިސްކަން ދިނުމާއި އަނބިމީހާ ކޮންމެ ދުވަހަކު ސާޅީ އަޅައިގެން އުޅުމާއި ލޭޓް ނައިޓް ޕާޓީތައް ދެ މީހުން އެކަކު އަނެކަކާ އެކީ ބޭއްވުމާއި ކޮންމެ ދުވަހަކު ޖިމަށް ދިއުމާއި އާދިއްތަ ދުވަހުގެ ހެނދުނުގެ ނާސްތާ ފިރިމީހާ ތައްޔާރުކުރުމާއި ދެ މީހުން އެކީގައި ކޮންމެ ދުވަހަކު ވެސް ލޯބި ފޮޓޯއެއް ނެގުމުގެ އިތުރަށް ކޮންމެ 15 ދުވަހަކުން ބާޒާރުކުރަން ދިއުމެވެ.

މި ޝަރުތުތަކާ އެކީ ކުރި ކައިވެނީގެ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެ އެވެ.
ޝާންތީގެ އެކުވެރިން ބުނެފައިވާ ގޮތުގައި ފިރިމީހާގެ އަތުން މަހަކު ޕިއްޒާއަކަށް ޝަރުތުކުރިީ ޝާންތީ އަކީ ޕިއްޒާ ކެއުމަށް ދެވިހިފާފައިވާ މީހަކަށްވާތީ އެވެ.