ކ. މާފުށީ ޖަލަށް ވަގަށް އުޅުނު މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ހަތަރު މަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
އެ ހުކުމް އިއްވީ ސެޕްޓެމްބަރު 22، 2019 ވަނަ ދުވަހުގެ ރޭ ޖަލަށް ވަންނަން އުޅެނިކޮށް ފަޅާއަރައި ދައުލަތުން ދައުވާކުރި ރ. މަޑުއްވަރީ ފެހިއަލި އިސްމާއީލް ހައްމާދުގެ މައްޗަށެވެ. ގަސްތުގައި ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުނުކަމުގެ ދައުވާއާ ގުޅިގެން އޭނަގެ މައްޗަށް އިއްވީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ޑިންގީއެއްގައި ގޮސް އިތުރު މީހަކާވެގެން މާފުށީ ޖަލަށް ވަންނަން އުޅުނު މައްސަލާގައި ހައްމާދުގެ އިތުރުން ނ. މަނަދޫ ކެރީބިއަން އިބްރާހިމް ޖަޒްލާން އަށް ވެސް ދައުވާކޮށްފައިވެ އެވެ. އޭނަގެ މައްޗަށް އިއްވި ހުކުމަކީ 53600ރ. އިން ޖޫރިމަނާކުރުމެވެ. އަދި އެ ފައިސާ އެއް އަހަރު ތެރޭގައި މީރާ އަށް ދައްކަން ޖެހެ އެވެ.