Last Updated: June 26, 17:59
Friday, June 26, 2026
ޚަބަރު

އަންނަ އަހަރުގެ ބޮޑު އީދު މާ ކުލަގަދަވާނެ: ނިޒާރު

މި އަހަރުގެ ބޮޑު އީދު ފާހަގަކުރަން އައްޑޫގައި "އީދި ސަމާ" ގެ ނަމުގައި ބޭއްވި ހަރަކާތްތަކަކީ މި ފަހުގެ ތާރީހެއްގައި ވެސް އައްޑޫގައި އީދު ފާހަގަކުރަން ބޭއްވި އެންމެ ބޮޑު ހަރަކާތް ކަމަށާއި އަންނަ އަހަރުގެ ބޮޑު އީދު އެއަށް ވުރެ ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނަ އާންމުކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ "އީދި ސަމާ" ކާމިޔާބުކަމާ އެކީ ބޭއްވުނީ ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި އައްޑޫގެ ހުރިހާ އަަވަށެއްގައި ބޭއްވުނު ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ބައިވެރިވުމަށް ޝުކުރު ވެސް އަދާކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އިދާރަކުރެއްވިއްޔާ އަންނަ އަހަރުގެ ބޮޑު އީދު މިއަށް ވރެ ކުލަގަދަކޮށް އިންތިޒާމުތައް ރަނގަޅުކޮށް ބާއްވަން ކައުންސިލުން މަސައްކަތްކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން." ނިޒާރު ވިދާޅުވި އެވެ.

އީދާ ދިމާކޮށް މި މަހުގެ 8 އިން ފެށިގެން އިއްޔެއާ ހަމައަށް އައްޑޫގެ އަވަށްތަކުގައި މުބާރާތްތަކުގެ ގޮތުގައި ވެސް ތަފާތު އެކި އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި އިވެންޓެއްގައި ހުށަހަޅައިދިން ތަމްސީލެއްގައި އާންމު މިންގަނޑަށް ނުފެތޭ ބަސްތަކެއް ބޭނުންކުރި ކަމަށް ބުނެ އެކަމާ ގުޅިގެން ބައެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ކައުންސިލުން ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު "އީދި ސަމާ" ގައި ހިއްސާވި ބައެއް ޖަމިއްޔާތަކުން ވަނީ ބޭއަދަބީ ބަސްތަކާއި އާންމު މިންގަނޑަށް ނުފެތޭ ބަސްތަކެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ.

މި އަހަރުގެ ބޮޑު އީދަށް ކައުންސިލުން ދުރާލައި ތައްޔާރުވި އިރު، އީދުގެ ހަރަކާތްތަކުގެ ތައްޔާރީތަކަށް ކައުންސިިލްގެ ބަޖެޓުން 200،000ރ. ވެސް ހޭދަކޮށްފައިވެ އެވެ.