ޔުވެންޓަސް އަށް ކުޅެމުން އައި އާޖެންޓީނާގެ ޕްލޭމޭކަރު ޕައުލޯ ޑިބާލާ ހޯދުމުގެ ރޭހުގެ ކުރީގައި އުޅެނީ ރޯމާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ޑިބާލާ ޔުވެންޓަސްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހު ހަމަވެފައިވާއިރު އޭނާގެ ކޮންޓްރެކްޓް އާނުކުރަން އެ ކްލަބުން ވަނީ ނިންމާފަ އެވެ. އެއާއެކު ޑިބާލާ މިހާތަނަށް ހުރީ ކްލަބެއް ނެތި އެވެ.
ޑިބާލާ ހޯދަން އިންޓަ މިލާނުން މީގެކުރިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އިޓަލީގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑިބާލާ ގެނައުމުގެ ރޭހުގެ ކުރީގައި މިހާރު އުޅެނީ ރޯމާ އެވެ. އެގޮތުން އަހަރަކު ހަ މިލިއަން ޔޫރޯ ލިބޭ ގޮތަށް ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ރޯމާ އިން ޑިބާލާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ރޯމާގެ މި ހުށަހެޅުމަކީ ޑިބާލާ އަށް މިހާތަނަށް ކްލަބަކުން ހުށަހެޅި އެންމެ ރަނގަޅު ހުށަހެޅުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ރޯމާގެ ހުށަހެޅުން ޑިބާލާ ގަބޫލުކުރުމަކީ ވަރަށް ގާތް ކަމެކެވެ. އަދި ޑިބާލާގެ ފަރާތުން ވީހާވެސް އަވަހަކަށް ޖަވާބެއް ރޯމާ އިން ބޭނުންވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ. ޑިބާލާ ހޯދުމުގެ ޝައުގުވެރިކަން ނަޕޯލީން ވެސް ގެންގުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޑިބާލާ ގެނައުމަށް ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ މުހިއްމު ރޯލެއް އަދާކޮށްފައިވާއިރު މި ޓްރާންސްފާ މާކެޓުގައި ރޯމާ އިން އެންމެ ބޮޑަށް ގެންނަން ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް ޑިބާލާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ހަވަނަ ހޯދި ރޯމާ އިން ސީޒަން ނިންމާލީ ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކޮށްގެންނެވެ. އެ ކާމިޔާބީއާއެކު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ރޯމާ އަށް ވަނީ ޖާގަ ލިބިގެން ގޮސްފަ އެވެ.