ސްރީ ލަންކާގައި އަނެއްކާ ވެސް ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާންކޮށްފި އެވެ.
ވަގުތީ ރައީސް ރަނިލް ވިކްރަހަމްސިންހަ ނެރުއްވި ގަރާރެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މި ދަނޑިވަޅުގައި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލަތުގެ ހާލަތު އިއުންލާންކުރީ ކިހާ ދުވަހަކަށް ކަމެއް ހާމައެއްނުކުރައްވަ އެވެ.
އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި މި ވަނީ ބުދަ ދުވަހު ލަންކާ އަށް ރައީސަކު އިންތިހާބުކުރަން ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނަގަން ނިންމާފައި ވަނިކޮށެވެ. މިކަމާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ޕާލިމަންޓްގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާ އިރު، ޕާލިމަންޓް އިދާރާގެ ވަށައިގެންވާ މަގުތައް ވަނީ އާންމުންނަށް ބަންދުކޮށްފަ އެވެ.
ބުދަ ދުވަހު އާ ރައީސަކު އިންތިހާބުކުރަން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އާ ރައީސަކު އިންތިހާބުކުރުމަކީ ލަންކާ އަށް މާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި މިކަމުގެ ސަބަބުން ގައުމުގައި އުފެދިފައިވާ ދިލަގަނޑު އިތުރަށް ހޫނުވުމުގެ ފުރުސަތު ވެސް ބޮޑެވެ.
ރައީސް ކަމަށް ވާދަކުރައްވާނެކަން މިހާރު ޔަގީންވާ ބޭފުޅުންނަކީ ރަނިލް އާއި ދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ އިތުރުން ޕީޕަލްސް ޕަވާ ޕާޓީ (އެންޕީޕީ) ގެ ލީޑަރު އަނުރަ ކުމަރާ ޑިސަނަޔަކަ އެވެ.
މި އަހަރުގެ ކުރީކޮޅުން ފެށިގެން މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މަގާމުން އިސްތިއުފާ ދެއްވީ ފިއްލަވައިގެން ގައުމު ދޫކޮށް ވަޑައިގެންނެވުމަށް ފަހު، ސިންގަޕޫރްގައި ހުންނަވައިގެން މިދިޔަ ބުރާސްފަތި ދުވަހު އެވެ.