އިލްމު އިންސްޓިޓިއުޓުން ހާޒިފުން ތަމްރީނުކުރަން ކުރިއަށް ގެންދާ "100 ހާފިޒުން އުފެއްދުމުގެ މަޝްރޫއު" ގެ ތެރެއިން ކްލާސްތަކެއް ހުޅުމާލޭގައި ވެސް ފަަށަން ނިންމައިފި އެވެ.
މިހާރު ކުލާސްތައް ހަމައެކަނި މާލޭގައި ކުރިއަށް ގެންދާތީ ވަަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން ހުޅުމާލޭގައި ޤުރުއާން ހިފްޒު މަޝްރޫޢުގެ ކްލާސްތަކެއް ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިލްމު އިންސްޓިޓިއުޓް ހިންގަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.
އޭނަގެ ޓްވީޓެއްގައި މިކަން ހާމަކުރެއްވި ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެ މަތިން އިލްމު އިންސްޓިޓިއުޓް @ilminstitutemv ގެ ޤުރުއާން ހިފްޒު މަޝްރޫޢުގެ ކްލާސްތަކެއް ހުޅުމާލޭގައި ފެށުމަށްޓަކައި މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 17, 2022
ހާފިޒުން އުފެއްދުމުގެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ރީތިކޮށް ޤުރުއާން ކިޔަވައި އަދި ޤުރުއާނަށް އަމަލުކުރާނެ ޤުރުއާން ހިތުދަސް ޖީލެއް ރާއްޖޭގައި ބިނާކުރުމެވެ. މި ޕްރޮގްރާމްގައި މިހާރު ވެސް 600 އަށް ވުރެ ގިނަ މީހުން ބައިވެރިވާ އިރު، މީގެ އާ ފުރުސަތަކަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. އެއީ މި އަހަރުގެ އޮކްޓޯބަރު 28 ގައި ފަށަން ނިންމާފައިވާ ޕްރޮގްރާމަށެވެ.