Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

ދިއްފުށީގައި ހިންގީ ޓެރަރިޒަމްގެ އަމަލެއް: ސައުދު

ތުހުމަތު ކުރެވުނު މީހާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލާފައި--

ކ. ދިއްފުށީގައި މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތާ އެކު އޭނާއަށް ހަމަލާދީ މާރާމާރި ހިންގި ހިންގުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ދިއްފުށީގައި ގއ. ވިލިނގިލީ މީހަކަށް ހަމަލާދިނީ އޭނާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށެވެ. ދިއްފުށީ ބަޔަކު އޭނާ ބަރަހަނާކޮށް ހަމަލާދީ ހަދާފައިވާއިރު އެމީހާގެ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެމީހާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިއްފުށީގައި ފެނިގެންދިޔައީ ލާއިންސާނީ އަނިޔާވެރި ނުރައްކާ މާހައުލެއް ކަމަށެވެ. ސައުދު ވިދާޅުވީ ކުށެއްގެ ތުހުމަތުވާނަމަ އެކަންކަން ބެލޭނެ ޤާނޫނީ ހަމަތަކެއްވާ ކަމަށާއި، ދިއްފުށީގައި ހިންގާފައިވަނީ އޮގަނައިޒްޑް ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެއީ ޖަރީމާއެއްކަން ފާހަގަކޮށް ސައުދު ވަނީ އެކަމުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމށް ގޮވާލާފައެވެ.

ދިއްފުށީގައި މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު އޭނާއަށް ހަމަލާދީ މާރާމާރި ހިންގިއިރު، އެކަން ހުއްޓުވުމަށް ދިޔަ ފުލުހުންނަށް ވެސް ހަމަލާދީން ކަމަށް އޭރު ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް އަނިޔާލިބުނު މީހާގެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އޭނާއަށް ހަމަލާ ދިނުމުގައި ފުލުހުންވެސް ބައިވެރިވި ކަމަށެވެ.

ފުލުހުން ވަނީ ދިއްފުށީގައި ފުލުހަކަށް އަނިޔާކުރުމުގެ ތުހުމަތުގައި 22 އަހަރުގެ ދިވެހި ފިރެހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.