Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދިއްފުށީގައި ފުލުހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ކ. ދިއްފުށީގައި ފުލުހަކަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދިއްފުށީގައި މީހެއްގެ މައްޗަށް ކުރެވުނު ތުހުމަތާ އެކު އޭނާއަށް ހަމަލާދީ މާރާމާރި ހިންގިއިރު، އެކަން ހުއްޓުވަން ދިޔަ ފުލުހުންނަށްވެސް ހަމަލާދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ފުލުހުންނަށް ހަމަލާދިން މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާކަމަށެވެ.

ދިއްފުށީގައި މީހަކަށް ހަމަލާދީފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

ތުހުމަތު ކުރެވުނު މީހާއަށް ހަމަލާދިންއިރު އޭނާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި އެމީހާ ވަނީ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކޮށްފައެވެ. އަދި އޭނާ ވަނީ އެތަނަށް އައި ފުލުހުންވެސް އޭނާއަށް ހަމަލާދިންކަމަސް ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން އެ ފުލުހުންގެ މައްސަލައެއް ބެލެމުންއާދޭތޯ ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ، އެކަން ސާފުކުރުމަށްފަހު ޖަވާބެއް ދޭނެކަމަށެވެ.