Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކައުންސިލުން ވަކިވާން ހުޅުމީދޫން އަލުން ބޮޑު ކެމްޕޭނެއް!

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދު އާއި މީދޫ ނުވަތަ އާންމުކޮށް ކިޔައި އުޅޭ ގޮތަށް ހުޅުމީދޫ ވަކިކުރުމަށް އެދި އެ ދެ އަވަށުގެ ރައްޔިތުން އަނެއްކާ ވެސް ބޮޑު ކެމްޕޭނެއް ފަށައިފި އެވެ.

"އަފިރިންގެ ކައުންސިލް އަފިންނަން" ގެ ނަމުގައި ކުރިން ވެސް ފަށާފައި އޮތް މި ކެމްޕޭނަށް މަޑުޖެހުމެއް އައިސްފައި އޮތުމަށް ފަހު އަނެއްކާ ވެސް ސިޓީ ކައުންސިލުން ވަކިވުމަށް އެ ދެ އަވަށުގެ ރައްޔިތުން އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އައްޑޫގެ މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދު އަށް ކައުންސިލުން އިހުމާލުވާ ކަމަށް ބުނެ މަޖިލީހުގެ ތެރެއިން އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވެސް މިދިޔަ އަހަރު ވިދާޅުވެފައިވެ އެވެ.

މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ސާލިހާ ވަނީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކައުންސިލުން އެއްބާރުލުން ނުލިބޭކަން ފާހަގަކުރައްވައިފަ އެވެ. އަދި "ލާމަރުކަޒު ހުޅުމީދޫ" ކެމްޕޭނަށް އޭނާ ވެސް ވަނީ ތާއިދުކުރައްވައިފަ އެވެ.

އެއްފަސްކޮށް ގުޅިފައި އޮންނަ ހުޅުދު އާއި މީދޫ ތަމްސީލުކުރައްވަން މަޖިލީހުގައި ދެ މެމްބަރުން ތިއްބަ އެވެ. އެއީ މީދު އާއ މަރަދޫފޭދޫ ހިމެނޭ ގޮތަށް ރޮޒޭ ތަމްސީލުރައްވާ މީދު ދާއިރާ އާއި ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކީ އިލްޔާސް ލަބީބެވެ. ދެ އަވަށުގައި ވަކިން ކައުންސިލަރުން ވެސް ތިއްބަވަ އެވެ. އެގޮތުން ހުޅުދޫ ކައުންސިލަރަކީ ހުސައިން ފައިޒު އެވެ.

ހުޅުދު އާއި މީދޫ ގޮތަށް ރާއްޖޭގައި ދެ ސަރަހައްދެއް އޮންނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ކ. އަތޮޅުގައި ވަކިން އަތޮޅު ކައުންސިލެއް އޮވެފައި މާލެ ސިޓީ ކައުންސިލެއް ވެސް އޮވެ އެވެ. އަދި ހދ. އަތޮޅުގައި ސިޓީ ކައުންސިލެއްގެ ގޮތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލް އޮންނަކަން ވެސް ފާހަގަކޮށްލެވެ އެވެ.