މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އެކުލަވާލި ހެއްކާ ބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލުމަށް އެދިފައިވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބިލު ތަސްދީގު ކުރައްވައިފިއެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެއެވެ.
މިއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ހަނިވެގެންދާނެ ގޮތަށް އޮތް މާއްދާއެއް ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުން އަންނަނީ ބުނަމުންނެވެ.
"ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ިޚޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ." ޤާނޫނުއަސާސީގެ 28 ވަނަ މާއްދާ 'ނޫސްވެރިކަމުގެ މިނިވަންކަން'، ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅިގެން މި ބިލު ތަސްދީގުނުކޮށް އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލުމަށް އެދި 158 ނޫސްވެރިންގެ ސޮޔާ އެކީ ރައިސް ސޯލިހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.
ހެއްކާބެހޭ ބިލު ތަސްދީގު ނުކޮށް އިސްލާހު ކުރުމަށް އަނބުރާ ފޮނުވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ރައީސް ސޯލިހްގެ ކިބައިން އެދިފައެވެ.
ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކޮށް ކަނޑައަޅައިދިނުން ހިމެނެއެވެ.