މީގެ ތިން އަހަރު ކުރިން ސްރީ ލަންކާގައި އީސްޓަ ސަންޑޭގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް އިނގިރޭސިވިލާތުގެ އެހީތެރިކަން ހޯދައިން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން ލަންކާގެ ވަގުތީ ރައީސް ރަނިލް ވިކްރަސިމަހިންހަ މިއަދު ވިދާޅުވީ އެޕްރީލް 21، 2019 ގައި ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް މިހާތަނަށް ހިންގިފައި ނުވާތީ އެ ހާދިސާ އޮތީ ވަކި ކޮޅެއްގައި ނުޖެހި ކަމަށެވެ. އެހެންވެ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަން އިނގިރޭސިވިލާތުގެ ސަރުކާރާއި އެ ގައުމުގެ އިންޓަލިޖެންސް ސާވިސެސްގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ޖާނުން ފިދާވެގެން ކޮލޮމްބޯގެ ތިން ހޮޓަލަކަށާއި ތިން ފައްޅިއަކަށް ދިން ހަމަލާގައި 269 މީހުން މަރުވެ 500 އެއްހާ މީހުން ޒަހަމްވި އެވެ. މަރުވި މީހުންގެ ތެރޭގައި 45 ބިދޭސީއަކާއި ތިން ފުލުހުން ވެސް ހިމެނެ އެވެ. އެ ހަމަލާތައް ދީފައި ވަނީ އަށް މީހަކު އަމިއްލަ އަށް ބޮން ގޮއްވައިގެންނެވެ.

ހޮޓަތާކާއި ފައްޅިތަކަށް ދިން ހަމަލާ އަށް ފަހު ހަމަ އެ ދުވަހު ދެހިވަލައިގެ ގެސްޓް ހައުސްއަކަށާއި ޑެމަޓަގޯޑާގެ ހައުސިން ކޮމްޕްލެކްސް އަށް ވެސް ހަމަލާ ދީފައިވެ އެވެ. އަދި އޭގެ ފަހުން އިތުރު ހަމަލާތަކެއް ދޭން ރޭވި ނަމަވެސް އެކަން ކާމިޔާބުނުވީ ސްޓޭޓް އިންޓަލިޖެންސް ސާވިސެސް އަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން އެކަން ހުއްޓުވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އީސްޓަ ސަަންޑޭ ބޮމުގެ ހަމަލާގެ ދެ ދުވަސް ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެ ހާދިސާ ތަހުގީގަށް އެކުލަވާލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވަނީ ހަމަލާ ދިން މީހުންނާއި އައިއެސްއާ ސީދާ ގުޅުން އޮތްކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ހަމަލާގެ ބޮޑަކަށް ހުރީ ޒަހްރާން ހާޝިމީ ކިޔާ މީހެކެވެ. ހަމަލާގައި އޭނާ ވަނީ މަރުވެފަ އެވެ.