އައްޑޫގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި ކަރަންޓުގެ މައްސަލަތައް ދިމާވަމުން ދަނީ އިންޖީނުގޭ ބެލެހެއްޓުމުގައި ކުރިން އިހްމާލްވެފައިވާތީ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ވެސް ކަރަންޓުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކޮށްފައިވާ ކަމަށާއި ކަރަންޓު ކެނޑުމުގެ މައްސަލަ މިހާރު އެއްވެސް ރަށަކަށް ކުރިމަތިވަމުން ނުދާނެ ކަމަށް ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ދިމާވަމުން ދަނީ މީގެ ކުރިން އިންޖީނުގެ ރަނގަޅަށް ބެލެހެއްޓިފައި ނުވާތީ އެވެ. ނިމާލް އިތުރަށް ވިދާޅުވީ ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އިންޖީނުގެތައް ހިންގި އިރު އިންޖީނުތައް އެއްވެސް ވަރަކަށް ސާވިސް ކޮށްފައި ނުވާ ކަމަށެވެ.
އެހެންވެ ގިނަ އިންޖީނުތަކަށް މައްސަލަ ދިމާވެ، ކަރަންޓު ކެނޑުމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ ކަމަށް ނިމާލް ވިދާޅުވި އެވެ.
ނިމާލް އަދި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ތަކުރާރުކޮށް ކުރިމަތި ނުވާނެ ގޮތް ހެދުމަށް ރަނގަޅު ބެކަޕް ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މިފަދަ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމަށް މިހާރު އޯޑަރު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އަބަދުވެސް ކުންފުނިން އަހާނެ ކަމަށާއި އެ ޝަކުވާތަކަށް އޮތް އެންމެ ރަނގަޅު ހައްލު ފެނަކަ ކޯޕަރޭޝަނުން ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިދިޔަ ހަފުތާ ތެރޭގައި ގުޅިފައިވާ ރަށްތަކުގެ ތެރެއިން މަރަދޫ، މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދިނުމަށް މަރުކަީ އިންޖީނުގެ ގޭގައި ބަހައްޓާފައިވާ ހަ ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރަކަށް މައްސަލަ ދިމާވެގެން ރަށްރަށުން ތަކުރާރުކޮށް ކެނޑުމުގެ މައްސަލަ ދިމާވެފައިވެ އެވެ.