Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

މެމްބަރުންނަށް ބިރުދައްކާ މައްސަލަ ފުލުހަށް

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދެނާ

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކާ މައްސަލަ ތަހުގީގު ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރުދެނާ ގޮވާލައްވައިފި އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކާ މައްސަލަ ފެންމަތިވެފައިމިވަނީ މި މަހުގެ 20 ވަނަ ދުވަހު އެގައުމުގެ އާ ރައީސް އިންތިހާބު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނެގުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އެގައުމުގެ ފުލުހުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މެމްބަރުންނަށް ބިރުދައްކާ މައްސަލަ އާއި އަދި އެކި ގޮތްގޮތުން މެމްބަރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތް ތަހުގީގުކޮށްދިނުމަށް އެދިފަ އެވެ.

އާ ރައީސް އިންތިހާބު ކުރުމުގެ ވޯޓާއި ދިމާކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަަރުންގެ ސެކިއުރިޓީ ވެސް މިހާރު ވަނީ އިތުރަށް މަތިކޮށްފަ އެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމުން ގޮޓާބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވާއިރު ވަގުތީ ގޮތުން އެ މަގާމާއި ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވަނީ ހަވާލުވެވަޑައިގެންފަ އެވެ. ލަންކާގެ ރައީސްކަމަށް ދެން ވަޑައިގެންނެވުން ގާތީ ވެސް ރަނިލް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ލަންކާގައި ވެރިކަން ކުރާ ޕާޓީ، ދަ ސްރީލަންކާ ޕޮޑުޖަނާ ޕެރަމައުނާ (އެސްއެލްޕީޕީ) އިން ވަނީ ރައީސް ކަމަށް ރަނިލް ގެންނަން ނިންމާފަ އެވެ. އެސްއެލްޕީޕީ އަކީ މަގާމުން އިސްތިއުފާ ދެއްވި ގޮޓާބަޔާ ނިސްބަތްވާ ޕާޓީ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި 225 މެމްބަރުން ތިބޭއިރު އެސްއެލްޕީޕީގެ މެމްބަރުންގެ ގޮތުގައި 114 މެންބަރުން ތިއްބަވަ އެވެ.