Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް އަދާލަތު ޕާޓީ

އަދާލަތު ކޯލިޝަނުން ވަކިވެދާނެކަމުގެ އިންޒާރެއް!؟

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަކީ ރާއްޖޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ކުޑަ ނަމަވެސް "ސިޔާސީ ހާލަތުގެ" ފައިދާ ނަގަން ދަންނަ ޕާޓީއެކެވެ. "ސިޔާސީ ހިލްމުގެ" ބޭނުންހިފާ ޕާޓީއެކެވެ. މިކަމަށް ހެކިދެނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަން ހިނގާފައިވާ ގޮތެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރެއްވެސް އުފެދުމުގައި ހިމެނޭ ކޯލިޝަންގައި އަދާލަތުގެ ޕާޓީ ހިމެނެއެވެ. ކޮންމެ ސަރުކާރެއްގެ ނިމުން ގެނައުމުގައިވެސް އަދާލަތު ޕާޓީ ހިމެނެއެވެ. ކޯލިޝަނަކުން ސިޔާސީ ޕާޓީއަކަށް ލިބޭނެ އެންމެ ބޮޑު މޮޅެއް އަދާލަތު ޕާޓީއަށް ލިބުނީ މި ސަރުކާރުގައެވެ. ކޯލިޝަނެއްގައި އެންމެ ގިނަ ދުވަހު އަދާލަތު ޕާޓީއަށް އޮވެވުނީ މި ވެރިކަމުގައެވެ. ދައުލަތުގެ ނުފޫޒުގަދަ ބާރުހުރި މަގާމެއްގައި އަދާލަތު ޕާޓީގެ ލީޑަރަކު އެންމެ ގިނަ ދުވަހު ހުންނެވީވެސް މި ވެރިކަމުގައެވެ.

ކޮންމެ ސިޔާސީ ޕާޓީ އެއްގެވެސް ބޭނުމަކީ ސިޔާސީ ރޭހުގައި ދެވޭނެ އެންމެ ކުރިއަކަށް ދިއުމެވެ. ސިޔާސީ ކަންކަމުގައި އެރޭނެ އެންމެ އުހަކަށް އެރުމެވެ. ކޮންމެ ބަޔަކުވެސް ހޯދަނީ އެކަމަށް މަގުފަހިވާނެ ދަނޑިވަޅެވެ. ރަނގަޅު ސާއަތުގައި ރަނގަޅު ނިންމުން ނިންމުމަށެވެ.

2023 ކައިރިވަމުން އަންނައިރު, ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި މިދެންނެވި ކުޅިގަނޑު އެބަހިނގައެވެ. އެންމެ ފާޅުކޮށް މިކަމުގައި ފެންނަނީ ޖުމްހޫރީ ޕާޓީއެވެ. ޖުމްހޫރީ ޕާޓީގެ ނިވަލުގައި މީގެކުރިން އަދާލަތު ޕާޓީ ފެނުން ނަމަވެސް, މިފަހަރު ހާލަތު ބަދަލުވެދާނެއެވެ. ތުންތުން މަތިން އިވޭ އަޑުތަކަކީ އަދާލަތު ޕާޓީން ސަރުކާރު ކޯލިޝަންގައި އޮތްނަމަވެސް "ތުންދަމާ, ފޫކަހާ" ކަމަށް އިވޭ ވާހަކަތަކެވެ.

އަދާލަތު ކޯލިޝަނުން ވަކިވެދާނެ ކަމުގެ ވާހަކަތަކެއް

މިފަހުން ސިޔާސީ އޮއިވަރަށް އައި ބަދަލުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެއްކަމަކީ ޔޯގާ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމާ އެކަން ކުރިއަށް ގެންދިއުމެވެ. އެކަމާ ދެކޮޅަށް އިލްމުވެރިން ހިމެނޭގޮތަށް އިލްމުވެރިން އަޑުއުފުލިއެވެ. އިހުތިޖާޖުވެސް ކުރިއެވެ. ނަތީޖާއަކަށްވީ އެ ހަރަކާތް ކުރިއަށްދިޔަ ވަގުތު އެތަނަށް ވަދެގެނެ ބޮޑު ހަމަނުޖެހުމެއް ހިންގެމެވެ. މިކަމާ ގުޅިގެން އިލްމުވެރިންތަކެއް ހައްޔަރުކުރިއެވެ. އެތައް ބައެއްގެ އަދި އިލްމުވެރިންގެ ނުރުހުން މިކަމުގައި ސަރުކާރަށް އަމާޒުވިއެވެ.

ދެން ދިމާވީ "ގިރި"އެއްގައި ޖެހި ސިޔާސީ އެތައްބަޔަކު "ބަރަހަނާ" ވި މައްސަލައެވެ. މިކަމުގައިވެސް އަޅަންޖެހޭ އެކަށިގެންވާ ފިޔަވަޅު ނޭޅުނު ކަމަށްބުނެ އިލްމުވެރިންނާއި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ.

އަދާލަތުގެ އިލްމުވެރިންވެސް މިކަންކަމުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަން ފެށިއެވެ. އެހެންނަމަވެސް ނުފޫޒުގަދަ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله މިއިން އެއްވެސް ކަމަކަށް އެއްޗެއް ވިދާޅެއް ނުވިއެވެ. މަގާމުގެ ހައިސިއްޔަތުން އެއްޗެއް ވިދާޅުނުވީ ކަމަށް ވެދާނެއެވެ.

އެހެންނަމަވެސް މިހާރު ތުންތުން މަތިން އިވޭ އަޑަކީ, އިލްމުވެރިންގެ ޕްރެޝަރު ބޮޑުވެ, ޕާޓީގެ ކޮންޓްރޯލް ގެއްލިދާނެ ކަމުގެ ބިރު ހީވުމުން, ވަކިކަންތައްތަކެއް ވަކި ގޮތަކަށް ކުރެއްވުމަށް ޕާޓީން ޑިމާންޑް ކުރައްވާކަމަށް ވިދާޅުވެ, އިމްރާންގެ "މެސެޖެއް" ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ވާހަކައެވެ. އަދި އަދާލަތުން ބޭނުންވާ ގޮތަށް ކަންކަން ނުވެއްޖެނަމަ ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވާންޖެހިދާނެ ކަމަށްވެސް ވިދާޅުވެފައިވާކަމަށް ތުންތުންމަތިން ވާހަކަ ދެކެވެއެވެ.

ކޯލީޝަނުން ވަކިވާން ޖެހިދާނެ ކަމަށް ދެންނެވިންތޯ ސުވާލުކުރުމުން, އަދާލަތު ޕާޓީން ދިން ރަސްމީ ޖަވާބަކީ "މިފަހުން ތިފަދަ ދެންނެވުމެއް ދަންނަވާފައި ނުވާ" ކަމަށެވެ.

ސިޔާސީ ހަރުބޭފުޅުން ދައްކަވާ މިވާހަކަތަކާ އެކު, މިހާރު ފެންނަނީ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ހޯމް މިނިސްޓަރު ސިޔާސީ ޓްވީޓްތަކެއް ކުރައްވާ ތަނެވެ. އިލްމުވެރިންގެ ތާއީދު ހޯއްދެވުމާއި, ސަރުކާރަށް ޑިމާންޑްތަކެއް ކުރައްވާ ކަހަލަ "ވަހެއް" މި ޓްވީޓްތަކެއް ދުވާލެއް ވަރަށް ވެސް ބޮޑެވެ.