Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ސަޖިތު ރިޔާސީ ރޭހުން ވަކިވެއްޖެ

ސްރީ ލަންކާގެ ރައީސް ކަމަށްވާ ވާދަކުރައްވަން ނިންމެވި ލަންކާގެ އެންމެ ބޮޑު އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އެ މަގާމަށް ވާދަނުކުރަން ނިންމަވައިފި އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް ނަން އަނބުރާ ގެންދެވިކަން ހާމަކޮށް ވިދާޅުވީ އެ ނިންމުމަކީ ގައުމުގެ ހެވާއި ލާބައަށްޓަކައި ނިންމެވި ނިންމެއް ކަމަށެވެ. ސަޖިތު ވިދާޅުވި ގޮތުގައި އޭނަ ރައީސް ކަމަށް ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެން އޭނަގެ ޕާޓީ ސަމާނީ ޖަނާ ބަލަވެގިޔާ ޕާޓީން ސަޕޯޓްކުރަން ނިންމާފައި ވަނީ އެ ޕާޓީގެ ކޯލިޝަން ބައިވެރިއެއް ކަމަށްވާ ސްރީ ލަންކާ ޕޮޑްޖާނާ ޕެރަމޫނާ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މެމްބަރު ދުއްލާސް އަލަހެއްޕެރޫމާއަށެވެ.

ލަންކާ އަށް ރައީސަކު ހޮވަން ހަމަޖެހިފައި ވަނީ މާދަމަ އެވެ. އަދި ވާދަކުރަން ނަންތައް ހުށަހަޅަން ދިން މުހުލަތު މިއަދަށް ހަމަވާނެ އެވެ.

ރައީސް ކަމަށް ވާދަކުރައްވާނެކަން މިހާރު ކަށަވަރުވެފައިވާ ބޭފުޅުންނަކީ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ނެޝަނަލް ޕީޕަލްސް ޕަވާ ޕާޓީ (އެންޕީޕީ) ގެ ލީޑަރު އަނުރަ ކުމަރާ ޑިސަނަޔަކަ އެވެ.