ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކަރަން އިންޑިއާގެ ޓީމެއް އަނެއްކާ ވެސް ގެނެސްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށް މި ފަހަރު ރާއްޖެ ގެނައީ އިންޑިއާގެ މަޝްހޫރު ޓްރެވެލް އެޖެންސީތަކެއްގެ ބައެކެވެ. ހަ މީހަކު ހިމެނޭ މި ޓީމް މި މަހުގެ 16-22 އަށް ރާއްޖޭގައި ޓޫރިޒަމް ތަޖުރިބާކުރާނެ އެވެ.
މި ޓީމްގައި ހިމެނެނީ އައިއެމް ޓްރެވެލް އެޖެންޓާއި މޭކްމައިޓްރިޕާއި ނިވާލިންކާއި އެސްޕެން ވެކޭޝަންސްގެ އިތުރު ހޮލިޑޭ ކާމާގެ މެންބަރުންނެވެ.
Leading Travel Agents Arrive in the Maldives for a Familiarisation Triphttps://t.co/ZuhZnsyiH3
— Visit Maldives (@visitmaldives) July 18, 2022
އެމްއެމްޕީއާރްސީން އިންޑިއާގެ މި ޓީމުގެ ދަތުރަށް ފަހު، އެ ގައުމުގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެ އިޝްތިހާރުކޮށްދޭން ތަފާތު ކަންކަން ކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ބުންޏެވެ. އެ ގައުމަކީ މިހާރު ވެސް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ރާއްޖެ އަށް ވަރަށް ގިނައިން އަންނަކަމެވެ. މީގެ ސަބަބުން ވެސް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ވެސް އިންޑިއާ އިން 123،687 އަށް ވުރެ ގިނަ ރާއްޖެ އަށް އައިސްފައިވެ އެވެ.