Last Updated: July 28, 18:24
Tuesday, July 28, 2026
ޚަބަރު

އަބޭގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޮއިކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފިއެވެ.

ޖުލައި މަހުގެ 8 ވަނަ ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާހޯއްދަވަމުން ދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޯލިހް ސޮއި ކުރައްވާފައިވަނީ މިއަދުއެވެ.

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީގައި ހުޅުވާފައިވާ މި ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ޝިންޒޯ އަބޭ ސިފަކުރައްވާފައި ވަނީ ޖަޕާނުގެ ކުރިއެރުމާ ތަރައްޤީއަށްޓަކައި ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ދުރުވިސްނިވަޑައިގަންނަވާ ލީޑަރެއްގެ ގޮތުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި، އެމަނިކުފާނަކީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެއްކަމަށާއި، ޝިންޒޯ އަބޭގެ ހަނދާންތައް ރާއްޖޭގެ ރައްޔިތުން އަބަދުވެސް އާކުރާނެކަމުގައި އެ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.