ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
މިމައްސަލައިގައި ޝެއިހް ފަޒްލޫން އަދި ޝެއިހް ނިޝާންގެ ބަންދު މުއްދަތު އެކި ފަހަރު މަތިން އިތުރު ކޮށްފައިވާއިރު، ބަންދު މުއްދަތު އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އިތުރު 16 ދުވަސް ބަންދަށް ދީފައެވެ.
ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރިއިރު، ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި އޮތީ އިސްތިއުނާފު ކޮށްފައެވެ.
ޔޯގާ ދުވަސް ފާހަގަރަން މާލޭގައި ބޭއްވި ހަރަކާތުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގާ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ މީހުންނަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހަކު އިއްޔަ ވަނީ ބަންދުން ދޫކޮށްފައެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.