Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ލަންކާގެ ހާލަތަކަށް މެލޭޝިއާ ނުވެއްޓޭނެ: ޒަފަރުލް

އިގުތިސާދީ ގޮތުން ސްރީ ލަންކާ މިހާރު އޮތް ހާތަލާއި މެލޭޝިއާ އަޅާނުކިޔޭނެ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު ޓެންކޫ ޒަފަރުލް އަޒީޒު ވިދާޅުވެއްޖެ އެވެ.

އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ އިގުސާދު މި އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 5.75 ޕަސެންޓަށް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް އައިއެމްއެފް އިން ބުނެފައިވާތި އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު މިއަދު ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ އެ ނިސްބަތަކީ މެލޭޝިއާ ކަންބޮޑުވާން ޖެހޭ މިންވަރެއް ވެސް ނޫން ކަމަށެވެ.

ޒަފަރުލް ވިދާޅުވީ ލަންކާ އަށް މާލީ ގޮތުންނާއި އިގުތިސާދީ ގޮތުން ދިމާވި ފަދަ ހާލަތެއް ދިމާވެ، މެލޭޝިއާ ބަނގުރޫޓްވުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ.

"އެ ގައުމު އޮތް ހާލަތާއި އަހަރެމެންގެ ގައުމުގެ ހާލަތު އަޅާކިޔާ ނަމަ މެލޭޝިއާގެ ހާލަތު މާ ބޮޑަށް ވެސް ރަނގަޅު،" މިނިސްޓަރު ވިދާޅުވި އެވެ. "އަނެއްކާ އައިއެމްއެފަކުން ވެސް އަހަރެމެން ބަނގުރޫޓްވެދާނެ ކަމަކަށް ލަފައެއް ވެސް ނުކުރެވޭ. އެހެންވީމާ ހަގީގަތުގައި މެލޭޝިއާގެ އިގުތިސާދީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ފައްތަރެއްގައެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ކަން އެހެން އޮތަސް އިގުތިސާދު އިތުރަށް ރަނގަޅުކުރުމަށް ކުރަން ޖެހޭ ކަންކަމަށް މެލޭޝިއާ އިން އަބަދު ވެސް ފާރަވެރިވެ، އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅަމުން ގެންދާނެ އެވެ.

"އިގުތިސާދު މެނޭޖްކުރުމާއި ދަރަނީގެ ކަންކަން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އެޅުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްލަމެއް ދޭނެ ކަމެއް." ޒަފަރުލް ވިދާޅުވި އެވެ.

މި ފަހުން މެލޭޝިއާގައި އިންފްލޭޝަން މައްޗަށް ޖެހި ތެލާއި ގޭސް ފަދަ ބާވަތްތަކުގެ އަގު ވެސް އުފުލުނެވެ. އަދި ސަރުކާރުންދޭ ސަބްސިޑީ ވެސް މެނޭޖްކުރުމުގައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަފަރުލް ވިދާޅުވި ގޮތުގައި މެލޭޝިއާ އަށް ބައެއް ޓެކްހާއި އެ ނޫން ވެސް ބައެއް އާމްދަނީތަކުން މި އަހަރު އިތުރު 10 ބިލިއަން މެލޭޝިއަން ރިންގިޓް (2.25 މިލިއަން ޑޮލަރު) ލިބޭނެ އެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރު ނިމޭ އިރު އިގުތިސާދީ ދުވެލި ހުންނާނީ ވެސް ރަނގަޅު ހިސާބެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.