ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ހައި އެޗީވަރސް ސްކޮލަޝިޕްގެ ލިޔުން ޙަވާލުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަފާތު ސަގާފަތްތަކާއި، ތަފާތު އާދަކާދަތަކުގެ މަސްހުނި ވެށްޓެއްގެ ތެރެއަށް ދަރިވަރުން ނިކުތް ނަމަވެސް ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ.
އެގޮތުން ކޮންމެ ބިމެއްގައި، ކޮންމެ ސަގާފަތެއްގެ ތެރޭގައި ދަތުރު ނަގަހައްޓަން ޖެހުނަސް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއަށްވުރެ ބޮޑަށް، ދަރިވަރުންގެ ހިތު މިޞްރާބު ސީދާކޮށްދޭނެ އެހެން ސަމުގާއެއް ނުފެންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި ހިތްހަމަޖެހުން ޙާޞިލްކުރެވޭނީ ދީނީ ކަންކަމަށް ފަރުވާތެރިކަން ބެހެއްޓި މިންވަރަކުންކަން ތާއަބަދަށް ހަނދާނުގައި ބަހައްޓަންވާނެ." ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން ކަމަށާއި ކެރިކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް، ދަރިންނަށް އެ ފުރުޞަތު ލިބުމަށް ނޭދޭ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ އެ ބޭނުމާއި މުހުތާދު އޮންނަކަން ދެނެގަނެ، ޤައުމުގެ ސިޔާސަތު އޭގެ މައްޗަށް ބިނާކުރުމަކީ ސަރުކާރުތަކުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ، މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި އެގޮތުން ކޮންމެ ދަރިވަރަކު ދިރިއުޅޭ ރަށަކުން ތަޢުލީމު ޙާޞިލްކުރެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ސެޓެލައިޓް ސްކޫލް ފަދަ އީޖާދީ ވިސްނުންތަކުގެ އަލީގައި، ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުނުވާނެ މަރުޙަލާއަށް އާދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.