Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

ސިރިސޭނާގެ ޕާޓީން ރައީސް ހޮވަން ވޯޓު ދޭނެ

ސްރީ ލަންކާ އަށް އާ ރައީސަކު ހޮވަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނަގާ ވޯޓުގައި ބައިވެރިވާން އެގައުމުގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީން އެންމެފަހުން ނިންމައިފި އެވެ.

ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ކުރިން ނިންމާފައި އޮތީ މި ވޯޓުގައި ބައިވެރިނުވުމަށެވެ.

ނަމަވެސް އިއްޔެ ބޭއްވި އެ ޕާޓީގެ ބައްދަލުވުމަކަށްފަހު ވަނީ މިއަދުގެ ވޯޓުގައި އެސްއެލްޕީޕީގެ މަޖިލީހުގެ މެންބަރު އަދި ކުރީގެ މިނިސްޓަރު ދުއްލާސް އަލަހަޕެރުމާ އަށް ތާއީދުކުރަން ނިންމާފަ އެވެ. ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި އެސްއެލްއެފްޕީ ތަމްސީލުކުރަނީ 9 މެމްބަރުންނެވެ.

ލަންކާގެ ރައީސް ކަމުގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ދުއްސާލްގެ އިތުރުން ލަންކާގެ މިހާރުގެ ވަގުތީ ރައީސް ރަނިލް ވިކްރަމްސިންހަ އާއި ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ)ގެ ލީޑަރު އަނޫރާ ކުމާރަ ޑިސެނަޔަކަ އެވެ.

މިއަދުގެ ވޯޓުން ހޮވޭ ބޭފުޅަކު ރައީސްކަމުގެ މަގާމުގައި ހުންނަވާނީ 2024 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށެވެ. އެއީ ލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަގެ ދައުރު ނިމޭ ހިސާބެވެ.

މި ވޯޓާއި ދިމާކޮށް ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިތުރުން މެމްބަރުންގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ.