Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ފާހިޝް އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ފާހިޝް އަމަލުތަކާ ދެކޮޅަށް އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. މިފަހަކަށް އައިސް އިމްރާން މިފަދައިން ކުރައްވާ ޓްވީޓްތައް ވަނީ އިތުރުވެފައެވެ.

އެގޮތުން އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖުތިމާއީ ފޭރާން ވީދައި، ﷲ ގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ޤާނޫނީ ހަމަތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބަޔަކު ހައްޔަރު ކުރުމުން އަދި އެއްޖިންސުން ގުޅުންހިންގާ މަންޒަރުތައް ފެންނަ ފޮޓޯ އަދި ވީޑިއޯ ލީކުވި މައްސަލައިގައި ބަޔަކު ހައްޔަރު ކޮށްފައިނުވާތީ އެތައްބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ ވެސް ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.