ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނެފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ބުރުޒުމަގުގައި ހުރި ފިހާރައަކުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.
އެގޮތުން، ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާ ކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެ ރިޕޯޓާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނިފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށާއި، އޭނަގެ ބަންދަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް ޖުލައި 18 ވަނަ ދުވަހުގެ ހެނދުނު ކުރި ރިޕޯޓާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި، އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.