ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޙިދުމަތް މާލެ އާއި އަތޮޅުތަކުގައި ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ 16 ޖުލައި 2022 ވަނަ ދުވަހު ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަށް، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައެވެ. ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ހިދުމަތެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނެފައިވަނީ، އަލަށް ގެނެވުނު ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެ ކަމަށެވެ. ބަހުގެ ހިދުމަތާއެކު މާލެ ސިޓީ
ތެރޭގައި ދުއްވާ ބަހުގެ ޙިދުމަތް ފެށިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ބަހުގެ ޙިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރެވޭނެ ގޮތުގެ ތަފްސީލް:

އާރް.ޓީ.އެލް ބަހުގެ ހިދުމަތާއި ގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އާރްޓީއެލްގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތް ދިނުމާއި އާރްޓީއެލް ބަހުގެ ހިދުމަތް ދިނުމެވެ. މިގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވެއެވެ. އަދި ށ. އަތޮޅަށް ފެރީ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.