މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިތަދޫ ބޮޑުމަގު، މަސްޖިދުއް ތަގްވާ ކުރިމަތިން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް ގެއްލުން ލިބުނު ހިތަދޫ ސްނޯޑްރޮޕް، ރިއްފަތުﷲ އަހުމަދުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.
އާއިލާގެ މެމްބަރަކު ބުނީ ރިއްފަތުއަށް ލަންކާގައި ފަރުވާ ދެމުން އަންނައިރު، ރިއްފަތު ހޭއަރައި މިހާރު ވާހަކަ ދައްކާ ކަމަށެވެ. އަދި އޭނާ ބެއްލެވި ޑޮކްޓަރު އާއި ހަވާލާދީ އާއިލާއިން ބުނީ ރިއްފަތުގެ ސިކުނޑީގައި ގަނޑުވެފައިވާ ލޭކޮޅު އޮޕަރޭޝަނަކާއި ނުލައި ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާކަމަށެވެ.
ރައްޓެއްސަކާއި އެކު އިޝާ ނަމާދަށް ދިޔަ ރިއްފަތު އެކްސިޑެންޓްވެފައިވަނީ މިސްކިތަށް ވަންނަން ސައިކަލް އަނބުރާލި ވަގުތު ބާރު ސްޕީޑްގައި ފަހަތުން އައި ސައިކަލަކުން ޖެހިގެންނެވެ. މިހާދިސާގައި ރިއްފަތުގެ ބޯފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ބިމަށް ފައިބާފައި ހުއްޓެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ރިއްފަތު މާލެ ފޮނުވާލާފައިވަނީ އެރޭ ދަންވަރުއެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލުން އެމްއާރްއައި ހެދުމަށް ފަހު ހޯމަ ދުވަހު ހެނދުނު ރިއްފަތުވަނީ ލަންކާއަށް ގެންގޮސްފައެވެ. ލަންކާއަށް ރިއްފަތު ގެންދިޔަ އިރު ހޭނާރައެވެ. މިހާދިސާގައި އިތުރު ބަޔަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.