Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

އައްޑޫގެ ބަނދަރުތަކުން ފީ ނަގަން ފަށައިފި

ފޭދޫ ބަނދަރު.

އައްޑޫގެ ބަނދަރުތަކުން ފީ ނެގުމާ ބެހޭ އުސޫލަށް މިދިޔަ މަހު އަމަލުކުރަން ފެށި ނަމަވެސް އުސޫލުގައި ހުރި ބައެއް ކަންކަން އަލުން ރިވިއުކުރަން ނިންމުމާ ގުޅިގެން އެއަށް އަމަލުކުރަން ފެށުން ފަސްކުރުމަށް ފަހު، މިހާރު ހޯމަ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރަން ފަށާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ އުސޫލަށް އަމަލުކުރަން ފާސްކުރީ މި މަހުގެ 6 ގައި ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ. ބަނދަރުތަކުން ފީ ނެގުމާ ބެހޭ އުސޫލަކީ ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާ ބެހޭ ގަވާއިދުގެ ދަށުން ބާރު ލިބިގެން އެކުލަވާލި އުސޫލެއް ކަމަށް ކައުންސިލުން ބުންޏެވެ.

އެ އުސޫލު ކައުންސިލުން ފުރަތަމަ އާންމުކުރީ އެޕްރީލް މަހުގެ ކުރީކޮޅު އެވެ. އަދި އެއަށް އަމަލުކުރަން ކުރިން ފެށީ ޖޫން 22 އިން ފެށިގެންނެވެ.

އުސޫލުގައިވާ ބަނދަރު ބޭނުން ކުރެވޭނީ އަވަށްތަކުގެ އަވަށު އޮފީސްތަކަށް ހުށަހަޅައި ހުއްދަ ވެސް ހޯދައިގެންނެވެ.

އުސޫލުގެ ދަށުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ އެވެ. އަދި އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ފައްތިޔާގެ ގޮތުގައި އެކި ސައިޒްގެ އުޅަނދުތަކުން ނަގާ އަގުތައް ތަފާތުވާނެ އެވެ.

* 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ.
* 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ.
* 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ.
* 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ.

މީގެ އިތުރުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. އެ ހުއްދަ ދޫކުރާނީ 50ރ. އަށެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަން ނިންމާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

މީގެ އިތުރުން މުދާ ބޭލުމާއި ބަރުކުރުމާއި އެހެނިހެން ބޭނުންތަކަށް އެއްގަމުތޮށި ބޭނުންކުރާ ނަމަ އައްސާފައި ބާއްބާ ވަގުތަކަށް ފީ ދައްކަން ޖެހޭނެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50ރ. ގެ ފީއެއްގެ ހުއްދައަކާ އެކީގަ އެވެ. އަދި އެފަދަ ހާލަތްތަކުގައި ނަގާނެ ފީތައް ވެސް ކަނޑައަޅާފައިވެ އެވެ.

* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ.

ކައުންސިލުން ބުނި ގޮތުގައި ބަނދަރުތަކުން ފީ ނަގާނެ ގޮތުގައި އުސޫލުގައި ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ނިންމާނީ ކައުންސިލުންނެވެ.