Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު ސްރީލަންކާ

ލަންކާގެ ރައީސަކަށް ރަނިލް އިންތިހާބުކޮށްފި

ރަނިލް ވިކްރަމަސިންހަ

ސްރީލަންކާގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބު ކޮށްފިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް މިވަގުތު ހުންނެވީ ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.

ލަންކާއަށް ރައީސަކު އިންތިހާބު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގައި ރަނިލް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 134 ވޯޓުންނެވެ. ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ 3 ވޯޓެވެ.

ރަނިލް ވެރިކަމުގައި ހުންނަވާނީ 2024 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށެވެ. އެއީ ލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ދައުރު ނިމޭ ހިސާބެވެ.

ލަންކާގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ގޮތަބަޔަ ރާޖަޕަކްސައެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެގައުމުގައި ހުއްޓުމެއްނެތި ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެގަތުމުން ގައުމު ދޫކުރާ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ.