ނޫސްވެރިކަމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ފުލުހުން ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ، ނޫސްވެރިއެއް ފުލުހަށް ހާޒިރު ކުރާކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ދިޔަރެސްގެ ނޫސްވެރިޔާ އަޙްމަދު އަޒާން މަރުޒޫޤަށެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި، މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާ ކަމަށެވެ.
"އަޙްމަދު އަޒާން މަރުޒޫޤް ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.