Last Updated: June 12, 22:51
Friday, June 12, 2026
މުނިފޫހިފިލުވުން

ކަރަން އާއި އަނޫރާގް ގުޅިގެން ފިލްމެއް އުފައްދަނީ

އަނޫރާގް(ވ) އާއި ކަރަން ޖޯހަރު ޑައިރެކްޓަރު ފަރަހް ހާން އަދި އިމްތިއާޒް އަލީ އާ އެކު.

ކާމިޔާބް ފިލްމްތަކެެެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ މަޝްހޫރު ދެ ޑައިރެކްޓަ/ޕްރޮޑިއުސަރު ކަރަން ޖޯހަރު އާއި އަނޫރާގް ކޭޝަޕް ގުޅިގެން ފިލްމެެއް ގެނެސްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފެންޓަމް ފިލްމްސް އިން ގެނެސްދޭ މި ފިލްމް ކޯ-ޕްރޮޑިއުސަރުންނަށް ކަރަން އާއި އަނޫރާގް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި ވަކި ނަމެެއް ހަމަޖެހިފައި ނުވާ މި ފިލްމްގެ ޑައިރެކްޓަރަކީ މީގެ ކުރިން ބޮޑެތި ކުންފުނިތަކުގެ އިޝްތިހާރުތައް ހަދާފައިވާ ވިނިލް މެތިއު އެވެ. އޭނާ މީގެ ކުރިން ވަނީ ކަރަން އާއި ދީޕިކާ ޕަދްކޯން އަދި ޕޫރަބް ކޯލީ ހިމަނައިގެން "ނެސްކެފޭ" އިޝްތިހާރެއް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފަ އެވެ.

ކަރަން އާއި އަނޫރާގް ގުޅިގެން ގެނެސްދޭ ފިލްމްގެ މަސަައްކަތް އެޕްރީލް މަހު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެެހެން ނަމަވެސް އަދި ފިލްމްގެ ކާސްޓެއްް ވެސް އިއުލާނެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލޯބީގެ ވާހަކައަކަށް ތައްޔާރު ކުރާ މި ފިލްމްގައި ހިމެނޭނީ ޒުވާން ތަރިންނެވެ.

ކަރަން އާއި އަނޫރާގް ގުޅިގެން ފިލްމެއް ގެނެސްދޭ އިރު ފާހަގަކޮށްލެވޭ ކަމަކީ މި ދެ ޑައިރެކްޓަރުންނަކީ މުޅިން ތަފާތު ދެ "ޓޭސްޓެއް" ގެ ފިލްމްތައް ގެނެސް ދޭން މަޝްހޫރު ދެ ޑައިރެކްޓަރުން ކަމެވެ.

އެގޮތުން ކަރަން އަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ސްޓޫޑަންޓް އޮފް ދި ޔެއާ" ފަދަ ލޯބީގެ "ލައިޓް ހާޓެޑް" ފިލްމްތައް ގެނެސް ދިނުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ.

މިއާ ހިލާފަށް އަނޫރާގަކީ ތަޅާފޮޅުންތައް ގިނަ ވަރުގަދަ އިޝޫތަކަށް ފިލްމް ހަދާ ޑައިރެކްޓަރެކެވެ. އޭނާގެ ފިލްމްތަކުގެ ތެރޭގައި "ގޭންސް އޮފް ވަސެޕޫރު"، "ދޭވް ޑީ" އަދި "ބްލަކް ފްރައިޑޭ" ފަދަ ފިލްމްތައް ހިމެނެ އެވެ.

މި ސަބަބާ ހުރެ މި ދެ މީހުން ގުޅިގެން ގެނެސްދޭ ފިލްމްގެ ހަގީގީ "ރަހަ" އަދި އޮތީ ސުވާލް މާކެއްގެ ތެރޭގަ އެވެ.