އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ކަމުގެ މަގާމަށް އެގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އާއި މިހާރުގެ ފޮރިން ސެކެޓްރީ ލިޒް ޓްރަސް ގަދަ ހިފުމަކަށް ދާން ތައްޔާރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން އެ މަގާމުން އަދި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރަކު ހަމަޖެހެންދެން ޖޯންސަން ބޮޑުވަޒީރުގެ މަގާމުގައި ދެމިހުންނަވާނެ އެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮތް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާ ބޭފުޅެކެވެ.
އެގޮތުން އެ މަގާމަށް 8 ފަރާތަކުން ކުރިމަތިލެއްވިއިރު ކޮންޒަވޭޓިވް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުތަކުން މިއަދު ވަނީ އެ މަގާމަށް ގެންނަން ދެ ބޭފުޅެއްގެ ނަން އެންމެފަހުން ޝޯޓްލިސްޓުކޮށްފަ އެވެ. އެއީ ސުނާކް އާއި ޓްރަސް އެވެ.
ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމަށް ވަޑައިގަންނަވާނެ ފަރާތެއް ހޮވާނީ އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ކޮންޒަވޭޓިވް ޕާޓީގެ 160،000 މެމްބަރުން ބައިވެރިވާއިރު، ވޯޓުން ކުރި ހޯއްދެވި ފަރާތް އިއުލާން ކުރާނީ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އެވެ.