Last Updated: June 19, 21:49
Friday, June 19, 2026
ޚަބަރު

ދެ ޝެއިހުންނަށް އަނިޔާ ދެނީ ހައްގަކާ ނުލައި

މާލޭގައި ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހު ބޭއްވި އިވެންޓްގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ދެ ޝެއިހުންނަކީ އެކަމުގައި ބައިވެރިވި ބައެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖޫން މަހުގެ 22 ގައި ހައްޔަކުރި ޝެއިހް އާދަމް ނިޝާނާއި ފަޒުލޫން މުހައްމަދު ރަޙުމްކުޑަ ގޮތަކަށް ހައްޔަރުކޮށްގެން ވާނުވާގައި ބޭތިއްބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޒާހިރު ވެސް ވިދާޅުވި އެވެ.

"ދީނީ ކަމެއްގައި ހައްގަކާ ނުލައި އިލްމުވެރިއަކަށް އަނިޔާވެރިވުމަކީ ހުރިހާ އިލްމުވެރިންނަށް [ވެސް] އަނިޔާކުރުން ފަދަ ކަމެއް." އޭނާ ވިދާޅުވި އެވެ.

ޝެއިހް ނިޝާނާއި ފަޒްލޫން ހައްޔަރުކުރި ފަހުން ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށް، އެންމެ ފަހުން ދެ ބޭފުޅުންގެ ބަންދަށް އިތުރު 16 ދުވަސް ކްރިމިނަލް ކޯޓުން ޖަހައި ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ބޭފުޅުން ބޭއިންސާފުން ހައްޔަރުކޮށްފައިވާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރަށް ގިނަ ދީނީ އިލްމުވެރުންނާއި ދީނީ ޖަމާއަތްތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ޝެއިހް ނިޝާނާއި ފަޒްލޫނަކީ ސަލަފު ޖަމިއްޔާ އަށް ނިސްބަތްވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަދި އެ ޖަމިއްޔާ އަށް އިޝާރާތްކުރައްވައި އިމްރާން މިދިޔަ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ސަލަފު ޖަމިއްޔާގެ އިލްމުވެރިންނާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މެދުގައި އަރައިރުން އުފެއްދުމަށް އިލްމުވެރިންނަށް ނަފުރަތުކުރާ ބަޔަކު މަސައްކަތްކުރާ ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ހަ މީހަކު މިދިޔަ ހޯމަ ދުވަހު ދޫކޮށްލާފައިވެ އެވެ.