Last Updated: July 23, 18:20
Thursday, July 23, 2026
ދުނިޔެ

މުޒާހަރާކުރާ މީހުންނަށް ފިޔަވަޅު އަޅާނަން: ރަނިލް

ގައުމު ކުއްލި ނުރައްކަލަތުގެ ހާލަތަށް ވެސް ގެނެސް ސްރީ ލަންކާގެ އާ ރައީސަކަށް އިއްޔެ ރަނިލް ވިކްރަމަސިންހަ އިންތިހާބުކުރުމާ އެކީ އަނެއްކާ ވެސް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންދާތީ، އެ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ރަނިލް ދެއްވައިފި އެވެ.

އޭނާ ވިދާޅުވީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު ފުލައި ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ އޮފީސް ފަދަ ތަންތަނުގެ ކައިރީގައި މުޒާހަރާކޮށް، ހަމަނުޖެހުން އުފެއްދުމަކީ ޑިމޮކްރަސީ ވެސް ނޫން ކަމަށެވެ. އެހެންވެ ދެން ގައުމުގެ ހަމަޖެހުން ނަގައިލަން ކުރާ ކަންކަން ތަހައްމަލުނުކުރައްވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

"ސަރުކާރުގެ މުހިއްމު ބިނާތައް ކައިރި އަށް އެއްވެ މުޒާހަރާކުރިމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި އެއީ ޑިމޮކްރަސީއެއް ވެސް ނޫން. އެފަދަ ކަންކަންކުރުމަކީ ގާނޫނާއި ގަވައިދުތަކާ ހިލާފުކަންކަން." ވަގުތީ ރައީސަކަށް ހުންނަވަނިކޮށް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް ރަނިލް ވިދާޅު އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާތައް ހުއްޓުވަން ކުރަން ޖެހުނު ކޮންމެ ކަމެއްކުރަން ވެސް ފަހެއް ނުޖެހޭނެ އެވެ. އެހެންވެ ބާރުގެ ބޭނުންކޮށްގެން ކަމަށް ވިޔަސް، މަދު ބަޔަކު ނުކުމެ ގައުމުގެ އަމާންކަން ނަގާލަން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މިކަން ވަރަށް ގާތުން އަހަރެމެން ބަލަމުން ދާނަން. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން. މިހާރު މުޒާހަރާކުރާ މީހުންނަށް ސީދާ ގައުމުގެ އަމާންކަން ނަގާލަން އުޅޭ މީހުން،" ރަނިލް ވިދާޅުވި އެވެ. "ސިޔާސީ ގޮތުން ގައުމަށް ގެނެވޭ ބަދަލުތަކަކީ މެޖޯރިޓީ އެގޮތަކަށް ގަބޫލުވާ ކަންކަން. އެހެންވެ މަދު ބަޔަކު ނުކުމެ ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދެވޭނެ."

ރަނިލް ރައީސަކަށް އިންތިހާބުކުރުމާ އެކީ އޭނާއާ ދެކޮޅަށް މުހަރާތައް ވަނީ ފަށައިފަ އެވެ. އަދި މުޒާހަރާކުރާ މީހުން ބުނާ ގޮތުގައި ރަނިލް އަކީ އެ މީހުން ބަލައިގަންނަ ވެރިއެއް ނޫނެވެ. އެހެންވެ އޭނަގެ އިސްތިއުފާ އަށް ގޮވުން ނުހުއްޓާނެ ކަމަށް އަންނަނީ ބުނަމުންނެވެ.

ރަނިލް އަށް ގައުމުގެ ރައީސްކަން ލިބިވަޑައިގެންފައި ވަނީ މެއި މަހު ބޮޑުވަޒީރަކަށް އައްޔަންކޮށްފައި ވަނިކޮށް ރައީސް ގޮޓަބަޔާ ރާޖަަޕަކްސާ މި މަހުގެ 14 ގައި އިސްތިއުފާ ދެއްވުމާ އެކީގަ އެވެ. އެހެންވެ ރަނިލް ރައީސްކަމުގައި ހުންނަވާނީ ގޮޓަބަޔާގެ ދައުރު ހަމަވަންދެން 2024 އާ ހަމައަށެވެ.

ރަނިލް، 73، އަކީ ކުރިން ވެސް ރައީސްކަމަށް ވާދަކުރެއްވި އަދި ބޮޑުވަޒީރުކަން ހަ ފަހަރެއްގެ މަތިން އަދާކުރެއްވި ލަންކާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރެކެވެ.