ސްރީ ލަންކާގެ ރައީސްކަމުގެ ހުވާ ރަނިލް ވިކްސަރަމަސިންހަ މިއަދު ކުރައްވައިފި އެެވެ.
އިއްޔެ ގާނޫނު ގާނޫނު ހަދާ މަޖިލީހުގައި ނެގި ސިއްރު ވޯޓަކުން ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް ރަނިލް ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ޕާލިމަންޓް އިދާރާގަ އެވެ. އަދި ހުވާލައިދެއްވީ އުއްތަމަފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިއާ އެވެ.
ރަނިލް އަށް ލަންކާގެ 8 ވަނަ ރައީސްކަމުގެ މަގާމު ލިބިވަޑައިގެންނެވީ މެއި މަހުން ފެށިގެން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް މި މަހުގެ 14 އިން ފެށިގެން ވަގުތީ ރައީސަކަށް އައްޔަންކޮށްފައި ވަނިކޮށެވެ. އޭނަ ވަގުތީ ރައީސަކަށް އައްޔަންކުރެއްވީ 14 ވަނަ ދުވަހު ރައީސް ގޮޓަބަޔާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
#WATCH Ranil Wickremesinghe takes oath as the President of Sri Lanka pic.twitter.com/xo0txXR0ct
— ANI (@ANI) July 21, 2022
ރަނިލް، 73، ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ އިތުރު ދެ ކެންޑިޑޭޓަކާ ވާދަކުރައްވަ އެވެ. އެއީ ދުލާސް އައްލަހަޕެރޫމާ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ. ރަނިލް މަގާމަށް ހޮވިވަޑައިގަތީ 134 ވޯޓާ އެކީގަ އެވެ. ދުލާސް އަށް 82 ވޯޓް ލިބިވަޑައިގަތް އިރު، އަނޫރަ އަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ރަނިލް ރައީސް ކަމަށް އިންތިހާބުވުމާ އެކީ އޭނާއާ ދެކޮޅަށް މިހާރު ރައްޔިތުންތަކެއް އަންނަނީ މުޒާހަރާކޮށް އިސްތިއުފާ އަށް ގޮވަމުންނެވެ. ގޮޓަބަޔާ ދައުރު ފުރިހަމަވަންދެން 2024 އާ ހަމައަށް ރަނިލް ރައީސްގެ މަގާމުގައި ހުންނަވާނެ އެވެ.